Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް ދަށްކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ކިޔަވާ ލޯނު އަދި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް 5 އިންސައްތަ އަށް ދަށްކޮށްފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މިހާރު ނަގާފައިވާ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސްއަށްވެސް މި ރޭޓް ކަނޑައެޅިފައިވާ ކަމަށެވެ.

އިންޓްރެސްޓް އަދި ފައިނޭންސިންގ ރޭޓަށް ގެނެވުނު ބަދަލާއެކު، މިހާރު ލޯނާއި ފައިނޭންސިންގ ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކައްޖެހޭ މުއްދަތު އޮޓަމެޓިކް އިން ކުޑަވާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރެވޭނެ ކަމަށް މައުލޫމާތުދީފައިވެއެވެ.

"ކިޔަވާ ލޯނަށް ގެނެވުނު ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ފަންޑިންގ ހޯދުމުގެ ފުރުސަތު ފަހިކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ %75 އާހަމަޔަށް ފައިނޭންސް ލިބޭނެއެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރު ގެ މުއްދަތެއް ލިބޭނެއެވެ.