Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އަމާންކަން ގާއިމު ކުރުމަށް މި އަހަރު ފަސް ކަމަކަށް އިސްކަން ދޭނެ: ހޯމް މިނިސްޓްރީ

ލިންކުން ރޯޑުން މީހަކު ސައިކަލް ދުއްވާފައި ދަނީ: އަމާންކަމާއި ރައްކާތެރިކަން ގާއިމު ކުރުމަށް މިއަހަރު އިސްކަން ދޭނެ. ފޮޓޯ/ އައްޑޫ ލައިވް

ދިވެހި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ޤާއިމު ކުރަން މި އަހަރު ހޯމް މިނިސްޓްރީން އިސްކަން ދޭނެ ފަސް ކަމެއް އެ މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.

ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަޙްމަދު ވިދާޅުވީ އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުގައި އަމާންކަމާއި ރައްކާތެރިކަން ޤާއިމު ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ
މާލީ އަދި ޤާނޫނީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އެމައްސަލަތައް ހައްލު ކުރަން ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ މީހުން މެރުން ފަދަ ނުރައްކާތެރި ކުށްތައް ހުއްޓުވަން ކަމަށެވެ. އަދި ދެވަނަ ކަމަކަށް އެންމެ ބޮޑަށް އިސްކަން ދޭނީ ކުޑަކުދިންނާއި އަންހެނުންނާއި ދެކޮޅަށް ހިންގޭ ދަށު ދަރަޖައިގެ އަމަލުތައް ހުއްޓުވަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ރާވައިގެންނާއި ގުރޫޕު ހަދައިގެން ހިންގާ ތަފާތު މައްސަލަތައް އިތުރުވަމުންދާތީ އެ މައްސަލަތައް ހައްލު ކުރުމަށާއި މާލީ އަދި އިޤްތިޞާދީ ދާއިރާއިން ހިންގާ ޖަރީމާތައް ހުއްޓުވުމަށާއި ހިޔާނާތުގެ އަމަލުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރަކީ ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބާއްވާ އަހަރަކަށްވާތީ އެ އިންތިހާބު ވީހާ ވެސް އޮމާންކަމާއި ރައްކާތެރިކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޖަމީލު އިތުރަށް ވިދާޅުވީ އެ މިނިސްޓްރީން ކަންތައްތަކަކަށް އިސްކަން ދީގެން މަސައްކަތް ފެށި ނަމަވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ. އަދި މަސައްކަތްތަކާ ކުރިމަތިލަނީ ގޮންޖެހުންތައް ވެސް ހުންނާނެ ކަމަށް ގަބޫލްކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.