Last Updated: June 9, 10:56
Tuesday, June 9, 2026
ޚަބަރު

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކޮށްފި

ވ. ފެލިދޫ އަދި ވ. ކެޔޮދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލު ކޮށްފިއެވެ.

މިމަސައްކަތް އެ ކުންފުންޏަށް ހަވާލު ކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 33.7 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ވ. ފެލިދޫގައި، 165 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ޤާއިމްކުރުމާއި، 129 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޤާއިމްކުރުމާއި، 131 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޤާއިމްކުރުމުގެ އިތުރުން 15،000 ކޮޑިމީޓަރގެ ވެލިން ގޮނޑުދޮށް މުއްސަނދިކުރުން ހިމެނެއެވެ.

އަދި ވ. ކެޔޮދޫގައި 280 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ޤާއިމްކުރުމާއި، 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޤާއިމްކުރުން އަދި 20،000 ކޮޑިމީޓަރގެ ވެލިން ގޮނޑުދޮށް މުއްސަނދިކުރުން ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން ވ. ފެލިދޫ އަދި ވ. ކެޔޮދޫގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މި ދެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މައުލޫމާތުދެއެވެ.