"އިންޑިއަން އައިޑޮލް" ގައި ވާދަކޮށް ވަނަތައް ވެސް ހޯދި ދެ ފަންނާނަކު ރާއްޖޭގައި ޕަފޯމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު މާލޭގައި ޓުއާނިވަލްގެ ނަމުގައި އިންޑިއާގެ ފަންނާނުންތަކެއް ގެނެސްގެން ހަރަކާތްތަކެއް ވެސް ހިންގި ޓީމުން އިންތިޒާކޮށްގެން "އިންޑިއަން އައިޑޮލް" ސީޒަން 12 ގެ ދެ ފަންނާނަކު ބައިވެރިވާ ޝޯ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގަ އެވެ.

"މިއުޒިކަލް އައިޑޮލް" ގެ ނަމުގައި ބާއްވާ ޝޯގައި ޕަފޯމްކުރާނީ 2021 ގައި ސޮނީ ޓީވީން ގެނެސްދިން "އިންޑިއަން އައިޑޮލް 12" ކާމިޔާބުކުރި ޕަވަންދީޕް ރަޖަން އާއި އެ ޝޯގެ ދެވަނަ ހޯދި އަރޫނިތާ ކަންޖީލާލެވެ. މި ދެ މީހުންނަކީ ޝޯގައި ވާދަކުރި އިރު، ވަރަށް ބޮޑަށް އަޅުވާކިޔައި، ފަހުން ސީރިއަސްކޮށް ރައްޓެހިވެގެން ވެސް އުޅޭ ކަމަށް އަޑު އަރާފައިވާ ދެ ފަންނާނުންނެވެ.
ދާދި ފަހުން ވެސް އިންޑިއާގެ ފަންނާނުންތަކެއް ރާއްޖޭގައި ޕަފޯމްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އާ އަހަރުގެ ޝޯގައި ޕަފޯމްކުރި ޕަވްނީ ޕާންޑޭގެ އިތުރުން ރާއްޖޭގެ މަޝްހޫރު ރިސޯޓް ވިޔަފާވެރިޔާ މުހައްމަދު މޫސާގެ (އުއްޗު) ގެ އުފަން ދުވަހަށް މިދިޔަ ޑިސެމްބަރު މަހު ރާއްޖެ ގެނައި ސޮނީ ޓީވީގެ މިދިޔަ އަހަރުގެ "ސުޕަސްޓާ ސިންގާ" ސީޒަން ދޭއް ކާމިޔާބުކުރި މުހައްމަދު ފައިޒް ހިމެނެ އެވެ.
ޕަވަންދީޕާއި އަރުނީތާ ރާއްޖޭގައި ޕަފޯމްކުރަން ހަމަޖެހިފައިވާ އިރު، "އިންޑިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަން 2005 ގައި ކާމިޔާބުކުރި އަބިޖީތު ސާވަންތު ވެސް އެ އަހަރު ރާއްޖޭގައި ޝޯއެއް ދިނެވެ.