Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

އަނެއްކާ ވެސް އަކްޝޭގެ ލަވައެއްގެ އާ ވާޝަނެއް

ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރުގެ ފިލްމެއްގެ މަޝްހޫރު ލަވައެއްގެ އާ ވާޝަނެއް އަނެއްކާ ވެސް އޭނަގެ އާ ފިލްމެއްގައި ހިމަނައި ދައްކާލައިފި އެވެ.

މި ފަހަރުގެ ލަވަ އަކީ މި މަހުގެ 24 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމު "ސެލްފީ" ގައި ހިމެނޭ "މޭ ކިލާޅީ ތޫ އަނާޅީ" އެވެ. މި ލަވަ އަކީ ހަމަ އެ ނަމުގައި ގެނެސްދިން 1994 ގެ ފިލްމުގައި ހިމެނޭ ވަރަށް ފޯރިގަދަ ލަވައެކެވެ. ލަވައިގެ މިއުޒިކް އައްނޫ މަލިކް ހެދި އިރު، އެ ކިޔާފައި ވަނީ އުދިތު ނާރަޔަން އާއި އަބިޖީތު ބަޓަޗަރިއާގެ އިތުރުން އައްނޫ އެވެ.

އެ ލަވައިގައި އަކްޝޭއާ އެކީ ޑިސްކޯއެއްގެ ތެރޭގައި ފޯރިގަދަ ނެށުންތަކަކާ އެކީ ފެނިފައި ވަނީ ސައިފް އަލީ ޚާނެވެ.

"މޭ ކިލާޅީ ތޫ އަނާޅީ" ލަވައިގެ އާ ވާޝަނުން އަކްޝޭއާ އެކު ފެންނަނީ އިމްރާން ހާޝިމީ އެވެ. އަދި "ސެލްފީ" ގެ ބަތަލާއިން ކަމަށްވާ ޑަޔާނާ ޕެންޓީ އާއި ނުޝްރަތު ބަރޫޗާ ވެސް ލަވައިގައި ހިމެނެ އެވެ. ލަވައިގެ އާ ވާޝަނުގެ މިއުޒިކާ ތަނިޝްގް ބަގްޗީ ކުޅެފައިވާ އިރު، މި ފަހަރު ވެސް ލަވައިގެ އަޑުގެ ވެރިންނަކީ އޮރިޖިނަލް ލަވައިގެ ފަންނާނުންނެވެ.

"ސެލްފީ" އަކީ މިދިޔަ އަހަރު "ޖުގް ޖުގް ޖިއޯ" ގެނެސްދިން ޑައިރެކްޓަރު ރާޖް މެހެތާގެ ފިލްމެކެވެ. އަދި މި ފިލްމަކީ 2019 ގެ މަލަޔާޅަމް ފިލްމު "ޑްރައިވިން ލައިސަންސް" ގެ ރިމޭކެކެވެ.

ދެހާސް ވިހީގައި ރިލީޒްކުރި އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފްގެ ފިލްމު "ސޫރިއަވަންޝީ" ގައި އަކްޝޭ އާއި ރަވީނާ ޓަންޑަންގެ 1994 ގެ ފިލްމު "މޮހްރާ" ގެ "ޓިޕް ޓިިޕް ބަރުސާ ޕާނީ" ގެ އާ ވާޝަނެއް ހިމެނި އެވެ.