Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އެމްއޭސީއެލުން 75 ޒުވާނުން ތަމްރީނު ކުރަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެޕްރެންޓިސް ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 75 މީހަކު ތަމްރީން ކުރަން ނިންމައިފި އެވެ.

މި ޕްރޮގްރާމު ފެށުމުގެ ގޮތުން އިއްޔެ ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ޔޫތު މިނިސްޓްރީ އާއި އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި މިނިސްޓީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތޯހާ އެވެ.

ތޯހާ ވިދާޅުވީ، އެއާޕޯޓަށް އަންނަ އުމްރާނީ ތަރައްގީ އާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެއްވަރަށް ތަމްރީން ލިބިފައިވާ ފަންނީ މުވައްޒަފުން ލިބުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވައުދާ އެއްގޮތަށް މިފަދަ ޕްރޮގްރާމެއްގެ ހިންގުމަކީ މުވައްޒަފުން ހޯދުމަށް އެމްއޭ.ސީއެލް އަށް ލިބިގެންދާނެ ލުޔެއް ކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ހުސައިން ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ވަޒީފާތައް ހުރި ނަމަވެސް އެ ވަޒީފާތަކަށް ބޭނުންވާ ފަންނީ ޒުވާނުން ބޭނުންވާ ވަރަށް ނެތް ކަމަށެވެ. އެހެންވެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުތަކުގެ ތެރެއިން ކިޔެވުމުގެ އެކި މަރުހަލާތަކުން އެކި ސަބަބުތަކާއި ހެދީ ވަކިވެފައިވާ ޒުވާނުންނަށް ތަމްރީނުދީ ވަޒީފާގެ ބާޒާރަށް ނެރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެމްއޭސީއެލުން ފެށި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 225 މީހުން ތަމްރީނުކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން ފުރަތަމަ ބުރުގައި ޖުމްލަ 75 ފަރާތްތަކަށް ތަފާތު 20 ދާއިރާއަކުން ތަމްރީނާއި ތަޖުރިބާ ދެވޭނެ އެވެ. ހަ މަސް ދުވަހުގެ މި ތަމްރީނު ޕްރޮގްރާމުގައި އެ ކުންފުނީގެ 50 މުވައްޒަފުންނާއި އަދި ޕްރޮގްރާމަށް އެޕްލައިކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު 25 ޒުވާނުން ބައިވެރިވެ އެވެ.

މިއީ ގައުމީ ސަނަދުގެ އޮނިގަނޑުގެ ސެޓްފިކޭޓް ލެވެލް 3ގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ހަޔަ އެޑިއުކޭޝަން، މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕެންޓް އޮތޯރިޓީ ގުޅިގެން އެއޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކާ އެއްގޮތަށެވެ.