Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ޕާޓީ ބަދަލު ކުރީ އައްޑޫގެ ތަރައްޤީ އަށް: ފައިސަލް

ފޭދޫ މާދެލެ ދައިރާގެ ކައުންސިލަރ މުހައްމަދު ފައިސަލް / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

ޕާޓީ ބަދަލު ކުރީ ސަރުކާރާ ގުޅިގެން ދައިރާ އަދި ރައްޔިތުންނަށް ޙިދުމަތް ދެވޭނެ ކަމަށް ޤަބޫލު ކުރައްވާތީ ކަމަށް ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ފަރާތުން ފޭދޫގެ މާދެލަ ދާއިރާގެ ގޮނޑި ހޯއްދެވި ފައިސަލް މިއަދު ވަނީ އެމްޑީޕީއަށް ސޮއިކުރައްވައިފަ އެވެ. އޭނަ އެމްޑީޕީ އަށް ސޮއިކުރައްވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ.

ޕާޓީ ބަދަލު ކުރުމާ ގުޅޭ ގޮތުން "އައްޑޫ ލައިވް" އަށް ފައިސަލް ވިދާޅުވީ، ޕާޓީ ބަދަލުކުރީ، ސަރުކާރާއި ގުޅިގެން ދައިރާ އަދި ރައްޔިތުންނަށް ފައިދާ ހުރި ގިނަކަންކަން އަވަހަށް ކުރެވޭނެ ކަމަށް ޤަބޫލު ކުރައްވާތީ ކަމަށެވެ. އަދި މިއީ އެއްވެސް ގޮތަކަށް އަމިއްލަ ފައިދާއަކަށް ވުރެ ބޮޑަށް އައްޑޫގެ ތަރައްޤީއަށް މިހާރު ކުރެވެމުންދާ މަސައްކަތައް މެދު ކެނޑުމެއް ނެތި ކުރިއަށް ގެންދޭވެނެ ކަމަށް ޤަބޫލު ކުރެވޭތީ އައި ބަދަލެއްގެ ގޮތުގައި ފައިސަލް ސިފަ ކުރެއްވި އެވެ.

ޕާޓީ ބަދަލު ކުރައްވައި ރައީސް ސާލީޙްއާއި ބައްދަލު ކުރެވުނު ކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ، އައްޑޫގެ ތަރައްޤީއަށް މިހާރު ކުރެވޭ ގިނަ ކަންކަން ބާރަށް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ހަންކެޑެ ތަރައްޤީ ކުރުމުގެ މަޝްރޫޢު އާއި އައްޑޫ އެއާޕޯޓު އަދި ސަރަހައްދީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ވެސް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާ ކަން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ތެރޭގައި ނުހިމެނޭ އަދި ފޭދޫގައި ފެންހިނދާ ނިޒާމު ޤާއިމް ނުވާ 8 ކިލޯމިޓަރުގެ މަގު އޮތް ކަން ފާހަގަކޮށް ފައިސަލް ވިދާޅުވީ، މިހާރު އެ މަސައްކަވެސް އެޕްރޫވްވެ ކުރިއަށްދާ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށެވެ.

އައްޑޫސިޓީ ކައުންސިލުގައި މޭޔަރ ގެ އިތުރުން 12 މެންބަރުން ތިބޭއިރު، ޕީޕީއެމްއަށް ނިސްބަތްވާ ފައިސަލް ހިމެނޭހެން ތިން މެންބަރުން އިންތިހާބުވިއެވެ. އެއީ ފޭދޫ މަގުއްދޫ ދައިރާގެ މެންބަރު އައިމިނަތު ސަލްމާއާއި، މީދޫ ދައިރާގެ މެންބަރު އައިމިނަތު ސާލިހާއެވެ. އައްޑޫސިޓީ ކައުންސިލުގެ މެޖޯރިޓީ މިހާރުވެސް އޮތީ އެމްޑީޕީއަށެވެ.