Last Updated: April 20, 11:49
Saturday, April 20, 2024
ކުޅިވަރު

ޔުނައިޓެޑް ލީގު ކަޕްގެ ފައިނަލަށް

އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ދެވަނަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން 2-0 އިން ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުވެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ފޮރެސްޓްގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 3-0 އިން ކާމިޔާބުކުރީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑް ފައިނަލަށް ދަތުރުކުރީ 5-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިއީ 2017 ވަނަ އަހަރަށް ފަހު ލީގު ކަޕްގެ ފައިނަލަށް ޔުނައިޓެޑް ދަތުރުކުރި ފުރަތަމަ ފަހަރު އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޔުނައިޓެޑްގެ ފޯވާޑް ވެގޯސްޓަށެވެ. އެގޮތުން ފޮރެސްޓްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މި މެޗުގެ ފުރަތަމަ ގޯލު ޔުނައިޓެޑަށް މެޗުގެ 73 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންތޮނީ މާޝިއަލް އެވެ. މާޝިއަލް މި ގޯލު ކާމިޔާބުކުރީ ފޮރެސްޓްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އަދި އޭގެ ތިން މިނެޓް ފަހުން ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ފްރެޑް އެވެ.

ލީގު ކަޕްގެ ފައިނަލްގައި ޔުނައިޓެޑް ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. ނިއުކާސަލް ފައިނަލަށް ދަތުރުކުރީ ސެމީގައި ސައުތެމްޓަން ބަލިކުރުމަށްފަހު އެވެ.

ޔުނައިޓެޑާއި ނިއުކާސަލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 26 ގަ އެވެ.