Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

އިދިކޮޅުގެ "ހޯޕް" ކޮންފަރެންސް މިއަދު ފަށަނީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ "ހޯޕް ކޮންފަރެންސް" މިއަދު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހަތްސަތޭކަ އަށް ވުރެ ގިނ މެމްބަރުންނާ އެކީ މިއަދުން ފެށިގެން މި މަހުގެ 4 އާ ހަމައަށް ދަރުބާރުގޭގައި ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ވަރަށް ގިނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލުތައް ބަދަލުކުރަން ހަމަޖެހިފައިވެ އެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅުގެ ރިޔާސީ ކެންޑީޑޭޓް މިނިވަންކުރުމާއި ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެކަމުގެ ކަށަވަރުކަން ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

އިދިކޮޅުން ތަކުރާރުކޮށް ބުނަމުން އަންނަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ ގާނޫނީ ޓީމުން ވެސް ދެއްވާ ޔަގީން ކަމަކީ ޔާމީން ވަރަށް އަވަހަށް މިނިވަންވާނެ ކަމަށެވެ. އެކަމަކު ޔާމީނަށް އިއްވި ހުކުމް އަދިވެސް އޮތީ އިސްތިއުނާފު ނުކޮށެވެ. ނަމަވެސް މާޗް ހިސާބުގައި ޔާމީން މިނިވަންކަމަށް ބެލެވޭ ކަމަށް ގާނޫނީ ޓީމުން ބުނެފައިވެ އެވެ.

"ހޯޕް" ގެ ނަމުގައި އިދިކޮޅުން ކޮންފަރެންސަކަށް ތައްޔާރުވި އިރު، ޕީޕީއެމާއި ޕީއެންސީން އަންނަނީ ޑިސެމްބަރު 25 ގައި ޔާމީނަށް ހުކުމް އިއްވި ފަހުން މަގުތަކަށް ނުކުމެ ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.