Last Updated: April 20, 14:49
Saturday, April 20, 2024
މުނިފޫހިފިލުވުން

ދީޕިކާ އާއި ޕްރަބާސްގެ ފިލްމު ދެ ބަޔަކަށް

ދީޕިކާ ޕަދްކޯނާއި ޕްރަބާސްގެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ ދެ ބަޔަކަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ވޯކިން ޓައިޓްލްއަކަށް "ޕްރޮޖެކްޓް ކޭ" ގެ ނަން ދީގެން މަސައްކަތް ކުރިއަށް ގެންދާ މި ފިލްމަކީ އިންޑިއާގެ ސިނަމާ އިން އަނެއްކާ ވެސް އާ ކަންތައްތަކެއް ތައާރަފުކޮށް ދޭނެ ފިލްމެއް ކަމަށާއި އޭގެ ޓީމުން ފިލްމު ދެ ބަޔަކަށް ގެނެސްދޭން ނިންމީ ވާހަކަ ނިއުޅިގެންދާ ގޮތް ޝައުވެރިކޮށް ކިޔައި ދިނުމުގެ ގޮތުން ކަމަށެވެ.

މިއީ މުސްތަގުބަލާއި މާޒީ މަސްހުނިގަނޑެއްގެ ގޮތުގައި އަދި ވަރަށް ތަފާތު ކެރެކްޓާތަކަކާ އެކީ ގެނެސްދޭނެ ސައިިންސް ފިކްޝަން ފިލްމެކެވެ. "ޕްރޮޖެކްޓް ކޭ" ގެ ޑައިރެކްޓަރަކީ މަޝްހޫރު ތެލެގޫ ޑައިރެކްޓަރު ނާގް އަޝްވިން އެވެ. އޭނަގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2018 ގެ ތެލެގޫ ބައޮގްރަފިކަލް ޑްރާމާ "މަހާނަތީ" އެވެ. އެ ފިލްމަކީ އޭގެ ބަތަލާ ކީރްތީ ސުރޭޝް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑާއި އެންމެ މޮޅު ތެލެގޫ ފިލްމުގެ ނެޝަނަލް އެވޯޑްގެ އިތުރުން އެންމެ މޮޅު ކޮސްޓިއުމް ޑިޒައިންގެ އެވޯޑް ވެސް ލިބިފައިވާ ފިލްމެކެވެ.

"ޕްރޮޖެކްޓް ކޭ" އިން ފުރަތަމަަ ފަހަރަށް ދީޕިކާ އާއި "ބާހްބަލީ" ގެ ތަރި ޕްރަބާސްގެ ޖޯޑު ސްކްރީނަށް ގެންނަ އިރު، މި ފިލްމުގެ ވަރަށް ވަރުގަދަ ރޯލަކުން އަމީތާބް ބައްޗަނާއި ޑިޝާ ޕަޓާނީ ވެސް ފެންނާނެ އެވެ.

ގާތްގަނޑަކަށް 500 ކްރޯޑް ރުޕީސް (61.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ބެލެވޭ ގޮތުން "ޕްރޮޖެކްޓް ކޭ" ގެ ފުރަތަމަ ބައި ގެނެސްދޭނީ އަންނަ އަހަރު އެވެ.