Last Updated: March 29, 14:00
Friday, March 29, 2024
ދުނިޔެ

ކޭކު ހެދުމަކަށް ރެކޯޑެއް

ދުނިޔޭހެ ރެކޯޑް ފޮތުން ޖާގައެއް ހޯދަން ތަފާތު އެކި ކަހަލަ ކަންކަން ކުރުމަކީ އާންމު ކަމެކެވެ. ވަރަށް "ކޫސަނި" ކަންކަމުން ފެށިގެން ވެސް ވަރަށް އާދަޔާހިލާފު ކަންތައްތަކުން ވެސް ރެކޯޑް ހެދި މީހުން ބައިވަރެވެ. މިފަދަ އެތައް ރެކޯޑެއް ކޮންމެ އަހަރަކު ވެސް ގިނިސް ވޯލްޑް ރެކޯޑުން އިއުލާން ކުރެ އެވެ.

މި ފަހަރު އޮތީ އަހަރުގެ ފުރަތަމަ މަސް ނިމިގެން ދިތަ އިރު، ފާހަގަކޮށްލެވުނު ރެކޯޑެއްގެ ވާހަކަ އެވެ. މިއީ ކާލެވޭ ގޮތަށް ވެޑިން ޑްރެސްއެއްގެ ގޮތަށް ތައްޔާރުކުރި ކޭކެކެވެ. ކޭކަށް ރެކޯޑް ކަށަވަރުކޮށް ދިނީ އެ ކޭކް ހެދި ކުންފުނީގެ ބާނީ އެ ހެދުން ލައިގެން ހުރެ، ކޭކު ފަޅައި ރަހަ ވެސް ދެއްކުމަށް ފަހު އެވެ.

ހުދު ކުލައިގެ ވެޑިން ޑްރެސްއެއްގެ ގޮތުގައި ތައްޔާރުކުރި މި ކޭކު ރެކޯޑް ފޮތަށް އެރީ ލައިގެން ހުރެވޭ ގޮތަށް ތައްޔާރުކުރި ކާލެވޭ އެންމެ ބޮޑު ކޭކުގެ ގޮތުގަ އެވެ.

ސްވިޒްލޭންޑްގެ މީހެއް ކަމަށްވާ ނަތާޝާ ކޮލިން ކިމް ފަ ލީ ފޯކަސްގެ "ސްވީޓީ ކޭކްސް" އިން ތައްޔާރުކުރި މި ވެޑިން ޑްރެސް ކޭކްގެ ބަރުދަނުގައި 131.15 ކިލޯ ހުއްޓެވެ. މި ކޭކް ދައްކައިލީ މިދިޔަ މަހުގެ 15 ގައި "ސްވިސް ވޯލްޑް ވެޑިން ފެއާ" ގަ އެވެ.

ނަތާޝާ ބުނީ ރެކޯޑަކަށް ކޭކެއް ހަދަން ހިޔާލު އައީ މީގެ އަހަރުތަކެއް ކުރިން ވެޑިން ކޭކެއްގެ މަސައްކަތް ކުރުމުގެ ތެރެގޭގައި ކަމަށެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ކޭކް ހެދުމެއް ތައްޔާރުކުމުގެ ތަޖުރިބާކުރަމުން އައި ކަމަށެވެ.

"އެންމެ ފުރަތަމަ މިކަމަށް މޮޑެލްއަކަށް ބޭނުންކުރީ އަހަރެންގެ ހަގު އަންހެން ދަރިފުޅު. އެކަމަކު އޭރު ވެސް ލެވޭ ގޮތަށް ކޭކް ހަދަން ކުރި މަސައްކަތްވީ ވަރަށް ބޮޑު ޗެލެންޖަކަށް. އެކަމަކު ހިތަށް އެރީ ކާމިޔާބު ކުރެވެންދެން މިކަން ކުރާނަމޭ،" ނަތާޝާ ބުންޏެވެ. "އެންމެ ފަހުން މިކަން ކާމިޔާވުބީމަ ވަރަށް އުފާވެއްޖެ."