Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ނަޝީދު ޕާޓީން ވަކިކުރަން މޫސަ ގޮވާލައިފި

އަސާސީ ގަވައިދާ ހިލާފަށް މިހާރު "ފިކުރެއްގެ ދިރުން" ގެ ނަމުގައި ޕާޓީގެ ތެރޭގައި ވަކި ގޮފިތަކެއް އުފައްދަން އެމްޑީޕީގެ ރައީސް ނަޝީދު މަސައްކަތްކުރައްވާތީ އެ މަނިކުފާނު ޕާޓީން ވަކިކުރަން އެ ޕާޓީގެ ކުރީގެ ޗެއާޕަސަން ރީކޯ މޫސަ ގޮވާލައްވައިފި އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އެމްޑީޕީން ކުރިން ވެސް އޮތީ ނަޝީދަށް މުޅި އުމުރަށް މުސާރަ ލިބޭ މަގާމެއް ހޯދައި ދީފައި ކަމަށެވެ.

"މިހާރު ނަޝީދުގެ ބޭނުމަކީ މަޖިލީހުގެ ރައީސްކަމުން ބާލަފާނެތީ ތިމަންނަ ފަހަތުގައި ޕާޓީގެ މެމްބަރުން ތިބިކަން ދެއްކުން؟ މީނަ ޕާޓީން ބޭރުކުރޭ." ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓެގް ކުރައްވައި މޫސަ ވިދާޅުވި އެވެ.

އޭނާ ވަނީ މިދިޔަ މަހުގެ 28 ގައި ބޭއްވި ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވެވަޑައިގަތުމުންނާއި ނަޝީދު ފާހަގަކުރާ ފެބްރުއަރީ 7 އަންނަ މަހާ ވެސް މިހާތު ލައިގެންފައިވާތީ ހަނދުބޮޑު މޫސުން ލައިގަތީއޭ ވެސް ވިދާޅުވެ ނަޝީދަށް ފާޑު ވިދާޅުވެފަ އެވެ.

"ކޮންމެ އަހަރެއްގެ ފެބްރުއަރީ މަސްތެރޭ ހަނދު ބޮޑުވަނީ ބާވައޭ އެބަ ހިތަށް އަރާ؟ މީހުން ކިޔާއުޅޭ ހަނދުބޮޑުވާ މޫސުމަށް މޮޔަވާ މީހަކު ބައެއް ރަށްރަށުގަ އުޅޭ ވާހަކަ؟" މޫސަ ވިދާޅުވި އެވެ.

ނަޝީދާއި ވަފާތެރި ސަޕޯޓަރުން ފެބްރުއަރީ 7 ފާހަގަކުރަނީ އެ މަނިކުފާނުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަގާވާތަކުން ވައްޓާލި ކަމަށް ބުނެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން ނަޝީދު ސިޔާސީ ވަކި ފިކުރެއް ޕާޓޫގެ ތެރޭގައި ހިންގައި ރިޔާސީ ކެންޑިޑޭޓަކަށް މަސައްކަތްކުރައްވާތީ އެކަމާ މެދު ދެވަނަ ވިސްބުމަކަށް ވަޑައިގަންނަވަން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެދިވަޑައިގެންފައިވެ އެވެ. ނަމަވެސް ނަޝީދު ވިދާޅުވަނި އެކަން ހުއްޓާނުލައްވާނެ ކަމަށެވެ.