Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފިރިހެނަކު ބްލެކްމެއިލް ކުރި އަންހެނަކު ޖަލަށް

ފިރިހެނެއްގެ ބަރަހަނާ ފޮޓޯ ނަގައި، އެ ލީކްކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައި ފައިސާ ހޯދި މައްސަލައެެއްގައި އަންހެނަކު ހަތް މަޖަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ހުކުމް އައިސްފައި ވަނީ ގދ. ގައްދޫ އެތުމާގޭ އައިޝަތު ނަޒުމާގެ މައްޗަށެވެ.

އޭނަގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ ޖެނުއަރީ 23، 2021 ގައި ގެސްޓް ހައުސްއެއްގެ ކޮޓަރިއަކަށް ފިރިހެނަކު ގެންގޮސް، ބަރަހަނާ މަންޒަރު ފޮޓޯ ނަގައި އެ ފޮޓޯ ފޭސްބުކަށް ލާނެ ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށެވެ. އަދި އެ ފިރިހެން މީހާގެ ފޯނު އަތުލައި އެ މީހާގެ އެކްޓުން އެހެން މީހެއްގެ އެކައުންޓަށް 2،000ރ. ވެސް ޓްރާންސްފާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ފިރިހެން މީހާގެ ވޮލެޓުން 350ރ. ނެގުމުގެ އިތުރަށް އޭނަގެ ފޯނު ވެސް ނަޒުމާ ވަގަށް ނަގާފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި އޭނަގެ މައްޗަށް އުފުލި ފޭރުމުގެ ދައުވާ އަށް އިއުތިރާފުވެފަ އެވެ. އެހެންވެ، ކްރިމިނަލް ކޯޓުން އެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ނިންމައި ނަޒުމާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެ އެވެ.