Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

"ފިކުރެއްގެ ދިރުން" ފެކްޝަނަކަށް، ފޯމް ފުރަނީ

އެމްޑީޕީގެ ޕްރައިމަރީން ބަލިވަޑައިގަތުމުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު "ފިކުރެއްގެ ދިރުން" ގެ ނަމުގައި ގޮފިތަކެއް ހަދަން އިއުލާންކޮށް، ފޯމްތަކެއް ފުރަން ފެށި ނަމަވެސް އެ މަސައްކަތް މިހާރު ފެކްޝަނަކަށް ބަދަލުވެއްޖެ އެވެ.

ގ. ބޮޑުފެންވަޅުގޭގައި ރޭ ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރާ މެންބަރުންތަކެއް ވަނީ "ފިކުރެއްގެ ދިރުން" ފޯމުގައި ސޮއި ކުރުމުގެ ހަރަކާތެއް ވެސް ބާއްވާފައިވެ އެވެ.

މި މަސައްކަތް ނަޝީދު ފައްޓަވާފައި ވަނީ އެކަމަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާދު ކަމެއް ކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނިކޮށެވެ. އަދި ނަޝީދުގެ އަމަލުތައް ހުރި ގޮތުން ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. ނަމަވެސް ނަޝީދު ވިދާޅުވަނި އެކަން ހުއްޓާ ނުލައްވާނެ ކަމަށެވެ.

ނަޝީދު ޕްރައިމަރީގެ ސްލޯގަންއަކަށް ބޭނުންކުރެއްވި "ފިކުރެއްގެ ދިރުން" ވަކި ފެކްޝަނަކަށް މިސްރާބު ޖަހާފައިވާ އިރު، އެކަމަށް ހާއްސަކޮށްފައި ފޯމް ވެސް އެމްޑީޕީއަކާ ގުޅުމެއް ނެތެވެ. ފޯމްގެ އެޑްރެހަކަށް އޮތީ ނަޝީދުގެ އަމިއްލަ ގެ، ގ. ކެނެރީގެ އެވެ.

މިފަދަ ގޮތަކަށް ނަޝީދު ފޯމް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ އިރު، ގޮފި އުފައްދަން ހާއްސަ ފޯމެއް އެމްޑީޕީގެ ވެބްސައިޓްގައި ހިމަނާފައިވެ އެވެ. އޭގައި ޕާޓީގެ ނަމާއި ލޯގޯ ވެސް ހިމެނެ އެވެ.

ނަޝީދު މަސައްކަތްކުރައްވަނީ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ހޮވާފައި ވަނިކޮށް، "ފިކުރެއްގެ ދިރުން" ގެ ތެރެއިން ކެންޑިޑޭޓަކު ކަނޑައަޅާށެވެ.