Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ މުހިއްމު

ސްކޫލް ނިންމާފައި ވަޒީފާގެ މައިދާނަށް ނިކުންނަ ގިނަ ކުދިން މަސައްކަތުގެ މާހައުލަށް ތައްޔާރު ނޫންކަން ފާހަގަކުރެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) އިން ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިަށް ގެންދިޔަ އިންޓާންޝޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ޙައްލުކުރުމަށް ސްކޫލް ނިމުމުގެ ކުރިން ކުދިންނަށް ވަޒީފާގެ ޢަމަލީ ތަޖުރިބާ ލިބޭނެ މަގުފަހިކޮށް ދޭން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލް ދައުރުގައި ގިނަ ކުދިންގެ ސަމާލުކަން ހުންނަނީ ހަމައެކަނި ފޮތްތަކާއި ސްކޫލްގެ ވެށީގެ ތެރެއިން ލިބިދޭ އެކި ފުރުސަތުތަކަށެވެ. ނަމަވެސް އޭގެ ބޭރުން ވިސްނަން ޖެހޭ ކަމަށާއި އެހެންވެ އެކަން އެންމެ ބޮޑަށް ފެންނަނީ ސްކޫލް ނިންމާ ދަރިވަރުން ވަޒީފާގެ މައިދާނަށް ނިކުމެ އޮފީސްތަކަށް ދާން ފެށުމުން އެ މާޙައުލަށް ދަރިވަރުން ތައްޔާރު ނޫންކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޮފީސްތަކުގައި މަސައްކަތް ކުރާއިރު ފާހަގަކުރެވޭ ކަމެއް ސްކޫލް ނިންމާ ދަރިވަރުން މަސައްކަތުގެ މާޙައުލަށް ދާއިރު އެ މާޙައުލަށް ތައްޔާރު ނޫންކަން. ސްކޫލްގައި މިއޮންނަނީ ކިޔެވުމާއި ފޮތްތަކުގެ ހުންނަ ޢިލްމު ފޯރުކޮށްދިނުން،" މިނިސްޓަރު ވިދާޅުވި އެވެ. "ހަގީގީ މައިދާނުގައި ކިޔެވި އެއްޗެއް އެޕްލައި ކުރުމުގެ ފުރުސަތެއް ނޯވޭ. އެހެންކަމުން މިފަދަ އިންޓާންޝިޕްތަކުގެ އެންމެ ބޮޑު ބޭނުމަކީ އެފަދަ ހުނަރުތައް ދަސްކުރުން."

މިނިސްޓަރު ވިދާޅުވީ އިންޓަންޝިޕްތަކުން ކުދިންނަށް އޮފީސްތަކަށް ދާ އިރު ހެދުން އެޅުމާއި އާންމު އަހުލާގީ މިންގަނޑު ހިފެހެއްޓުމާއި، ގަޑިއަށް ފަރުވާތެރިކޮށް ހިތުމާއި އެކި ވިސްނުމާއި ފިކުރުގެ އަދި އެކި ޢުމުރުގެ މީހުންނާ އެކީ އުޅެން ދަސްކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ. އެހެންވެ ބެލެނިވެރިންގެ ފަރާތުން ވެސް ދަރިވަރުންގެ ސްކޫލް ދައުރުގައި ކުދިންނަށް އެކި މަސއްކަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތައް ހޯދައި ދިނުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

މިދިޔަ އަހަރީ ޗުއްޓީގެ ތެރޭގައި މަތީ ސާނަވީ ސްކޫލް ކުދިންނަށް އަމާޒުކޮށް އެމްޕީއެލް އިން ކުރިއަށް ގެންދިޔަ އިންޓާންޝިޕް ބައިވެރިވެ 10 ކުއްޖަކު ދަސްވެނިވެފައިވެ އެވެ.

އެ ޕްރޮގްރާމްގެ ތެރެއިން ކުދިންނަށް ވަނީ ސިވިލް އިންޖިނިއަރިން އާއި އިލެކްޓްރިކަލް އިންޖިނިއަރިން އާއި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ޕްރޮޖެކްޓް މެނޭޖްމަންޓާއި މެޝިން އެންޑް ފެބްރިކޭޝންގެ އިތުރުން ފޮޓޮގްރަފީ އާއި ވީޑިއޯގްރަފީގެ ދާއިރާތަކުން ޢަމަލީ ތަޖުރިބާ ދީފައިވެ އެވެ.