ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް މި އަހަރު ގެނެސްދޭން އޮތް ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ކުރަން ޖެހޭ އިންތިޒާރު ދިގުކޮށްފި އެވެ.
މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރާ ގޮތަށް އޮތީ މި މަހުގެ 10 ގަ އެވެ. ނަމަވެސް ފިލްމުގެ ބަތަލާ އާލިއާ ބަޓް މިދިޔ އަހަރު ބަލިވެއިނުމާ ގުޅިގެން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލަވައެއް ޝޫޓްނުކުރެވި އޮތުމުން، ފަހުން ފިލްމު ރިލީޒްކުރާ ތާރީހު އަންނަ އެޕްރީލް 28 އަށް ފަސްކުރި އެވެ.
ނަމަވެސް ކަރަން މިއަދު ވަނީ ފިލްމު ވަރަށް ބޮޑަށް ލަސްކުރިކަން އިއުލާންކޮށްފަ އެވެ. މިހާރު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކުރީ ޖުލައި 28 އަށެވެ. މި ފަހަރު ފިލްމު ފަސްކުރި އިރު، ކުރިން ތާވަލުކުރި ތާރީހު ކަމަށްވާ އެޕްރީލް 28 އަށް އޮތީ އައިޝްވާރިއާ ރާއީގެ ތަމަޅަ ފިލްމު ޕޮނިޔިން ސެލްވަލް (ޕީއެސް) ގެ ދެވަނަ ބައި ގެނެސްދޭން ނިންމައިފަ އެވެ. މަނީ ރަތުނަމް ޑައިރެކްޓްކޮށް ހިންދީ ބަހުން ވެސް އަޑު އަޅައިގެން މީގެ ފުރަތަމަ ބައި ގެނެސްދިނީ މިދިޔަ އަހަރު އެވެ.
ބެލެވޭ ގޮތުން ކަރަންގެ ފިލްމަށް އާ ތާރީހެއް ހަމަޖެއްސީ އައިޝްވާރިއާގެ ފިލްމާ އެއް ދުވަހެއްގައި ރިލީޒްކުރަން ބޭނުން ނުވާތީ އެވެ.
މި އަހަރުގެ އެންމެ އުންމީދީ އަދި ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ރޮމޭންޓިކް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެންމެ ލަވައެއް ފިޔަވައި ފިލްމުގެ ހުރިހާ ޝޫޓިންއެއް އޮތީ މިދިޔަ އަހަރު ނިންމައިފަ އެވެ. އަދި އާލިއާ ވަނީ ވިހެއުމަށް ފަހު، ހަށިގަނޑު ވަރަށް ބޮޑަށް ފިޓްކޮށްފަ އެވެ. އެހެންވެ ޝޫޓްނުކުރެވި އޮތް ލަވަ ވަރަށް އަވަހަށް ޝޫޓްކުރަން ހަމަޖެހިފައިވެ އެވެ.
ރަންވީރު ސިންގް ބަތަލުގެ ރޯލުން ފެންނާނެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަންގެ އިތުރުން ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ. ކަރަން ބުނެފައިވާ ގޮތުގައި މި ފިލްމަކީ އޭނަގެ ފުރަތަމަ ފިލްމު ކަމަށްވާ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ސްޓައިލްގެ ވަރަށް ހިތްގައިމު ފިލްމަކަށް ވާނެ އެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.