Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ކުޑަގިރި ހުޅުވައި ދެއްވާނީ ރައީސް

ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ތަރައްގީކުރި ކުޑަގިރި މި މަހުގެ 11 ގައި ހުޅުވާ ގޮތަށް ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި މަހުގެ 11 ގައި ކުޑަގިރި ހުޅުވަން ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ. އަދި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާން ހާއްސަކޮށްގެން ހިއްކައިގެން ތަރައްގީކުރި ކުޑަގިރި ހުޅުވާނެ އިރަކަށް އެތައް ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. އެތަން ހުޅުވަން އެންމެ ފުރަތަމަ ޕްލޭންކުރީ މިދިޔަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ޖުލައި 26 ގަ އެވެ. ނަމަވެސް މަސައްކަތްތައް ނިންމަން ވަގުތު ބޭނުންވާތީ ހުޅުވަން ލަސްކުރީ އެވެ.

މާލޭން ލޯންޗެއްގައި ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮތް ކުޑަގިރި އަކީ ދަތުރުދާ މީހުންނަށް ބޭނުންވާ މައިގަނޑު ހުރިހާ ވަސީލަތްތަކާ އެކީ ކުޑަގިރު އަންނަ މަހު ރަސްމީކޮށް ހުޅުވަން ތައްޔާރީތައްވެފައިވާ އިރު، އަށް ހެކްޓަރުގެ ރަށުގައި 1.5 ހެކްޓަރުގެ ފިނޮޅެއް ވެސް ހަދާފައިވެ އެވެ. ރަށް ބަލަހައްޓާ އޮފީހަކާއި މިސްކިތާއި ފާޚާނާބަރިއަކާއި، ކެފޭ އާއި ފިހާރަ އަދި ހަޓުތަކާއި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް މި ރަށުން ލިބެން ހުންނާނެ އެވެ.

ކުޑަގިރި އަކީ ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެން ތަރައްގީކުރި ރަށެކެވެ. އެއީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ އެވެ.