Last Updated: July 16, 16:42
Thursday, July 16, 2026
ކުޅިވަރު

ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް ޑިފެންޑަރު ރަފޭލް ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ވަރާން ،29، ބުނީ ފްރާންސްގެ ގައުމީ ޓީމަށް ކުޅުމަކީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އެއް ފަހުރު ކަމަށާއި ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމީ ވަރަށް ގިނަ ދުވަސްތަކަކަށް އެކަމާ މެދު ވިސްނުމަށްފަހު ކަމަށެވެ. އެގޮތުން މިއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށް ވަރާން ބުންޏެވެ.

ވަރާން ފްރާންސްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2013 އިން ފެށިގެންނެވެ. އޭނާ ވަނީ އެ ޓީމަށް 93 މެޗު ކުޅެދީ 2018 ވަނަ އަހަރު އެޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ވަރާންގެ އިތުރުން ޓޮޓެންހަމްގެ ފްރާންސް ގޯލްކީޕަރު ހޫގޯ ލޮރިސް ވެސް ދާދިފަހުން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ.

ތަޖުރިބާކާރު ދެ ކުޅުންތެރިން ފްރާންސްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އެޓީމުގެ ކެޕްޓަންކަން ދެން ކުރާނެ ކަމަށް ބެލެވެނީ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.