Last Updated: July 16, 16:42
Thursday, July 16, 2026
ކުޅިވަރު

ގްރީންވުޑަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑްގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންގޮސްފި އެވެ.

ގްރީންވުޑް ،21، ގެ މައްޗަށް އުފުލީ އަންހެނަކު ރޭޕްކުރަން އުޅުމުގެ ދައުވާ އާއި އަނިޔާވެރިވުމުގެ ދައުވާ އެވެ. އެ ދައުވާތައް ގްރީންވުޑްގެ މައްޗަށް އުފުލީ އޭނަގެ ލޯބިވެރިޔާ ހެރިއަޓް ރޮބްސަން ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން ގްރީންވުޑް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހައްޔަރުކުރިއިރު އޭނާ ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.

އިނގިރޭސިވިލާތުގެ ކްރައުން ޕްރޮސެކިއުޝަން ސާވިސް އިން ބުނީ ދައުވާތައް އަނބުރާ ގެންނަން ނިންމީ މައްސަލާގައި ހިމެނޭ މުހިއްމު ހެކިވެރިއެއް މައްސަލާގައި އިތުރަށް ޝާމިލުވާން ބޭނުން ނުވުމުން ކަމަށެވެ. މިއީ މައްސަލަ ސާބިތުކުރަން އޮތް ހުރަހެއް ކަމަށްވާތީ މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

ގްރީންވުޑްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޔުނައިޓެޑުން ވަނީ މުއްދަތެއް ނެތް ގޮތަށް އޭނާ ސަސްޕެންޑްކޮށްފަ އެވެ. އަދި ގްރީންވުޑާ އެކީ ސްޕޮސަޝިޕް އެއްބަސްވުންތައް ހަދާފައިވާ ބައެއް ކުންފުނިތަކުން ވެސް އެއްބަސްވުންތައް އުވާލާފައިވެ އެވެ. އޭގެ ތެރޭގައި ނައިކީ ވެސް ހިމެނެ އެވެ.