މިދިޔަ އަހަރުގެ ފަހުކޮޅު ކާތިކް އާރިއަނާ އެކީ އިއުލާންކުރި ފިލްމު "އާޝިގީ 3" ގެ ބަތަލާގެ ރޯލަށް ސާރާ އަލީ ޚާން ސޮއިކޮށްފައިވާކަމުގެ އަޑުތަކެއް އަރައިފި އެވެ.
ބައެއް މީޑިއާތަކުން ބުނީ ސާރާގެ އިތުރުން އެ ފިލްމުގެ ރޯލަކަށް ޕަންކަޖް ޓްރިޕަތީ ވެސް ނަގާފައިވާ ކަމަށެވެ. ފާހަގަކޮށްލެވޭ ކަމަކީ "އާޝިގީ 3" ގެ ޑައިރެކްޝަނާ ހަވާލުވެފައިވާ އަނޫރާގް ބާސޫ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން އޮތް އެންތޮލޮޖީ ފިލްމު "މެޓްރޯ: އިން ދިނޯ" ގެ ކާސްޓްގައި ވެސް ސާރާ އާއި ޕަންކަޖް ހިމެނޭކަމެވެ.
ބޮލީވުޑްގެ ވަރަށް މަގުބޫލު "ބްރޭންޑެއް" ގެ ގޮތުގައި ފާހަގަކޮށްލެވޭ "އާޝިގީ 3" އިއުލާންކުރުމާ އެކީ ވެސް އެ ފިލްމުގެ ބަތަލާއަކަށް ސާރާ ނަގަން ފޭނުންތަކެއް ޑިމާންކޮށްފައިވެ އެވެ. ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އާއި ކާތިކް ކުރިން ވެސް އެކީގައި ފިލްމެއް ކުޅެފައިވެ އެވެ. އެއީ މާ ބޮޑު ތަރުހީބެއް ނުލިބުނު 2020 ގެ "ލަވް އާޖް ކަލް" އެވެ. އެ ފިލްމުގެ މަސައްކަތްކުރި އިރު، އެ ދެ މީހުން ރައްޓެހި ވެސް ވި އެވެ.
"އާޝިގީ 3" ސާރާ ނަގާފައިވާކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، އޭގެ ޕްރޮޑިއުސަރު މުކޭޝް ބަޓް މިދިޔަ ޑިސެމްބަރު މަހު ބުނެފައި ވަނީ ފިލްމަށް ނަގާނީ މުޅިން އާ ބަތަލާއެއް ކަމަށެވެ. މި ފިލްމު އިއުލާންކުރި ތަންވަޅާ ދިމާކޮށް، ޓީވީ ބަތަލާ ޖެނިފާ ވިންގެޓް ފިލްމަށް ނެގިކަމުގެ އަޑުތަކެއް ވެސް އެރި އެވެ.
"އާޝިގީ 3" ގެ މަސައްކަތް ފަށަން ނިންމާފައި ވަނީ އަނޫރާގްގެ "މެޓްރޯ: އިން ދިނޯ" ޑިސެމްބަރު 8 ގައި ގެނެސްދިނުމަށް ފަހު އެވެ.