Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ވިނަރެސް ފްލެޓްގެ ދާއިމީ ލިސްޓް އާންމުކޮށްފި

ހުޅުމާލޭގެ ވިނަރެސް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކުރި ދާއިމީ ލިސްޓުގައި މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1،094 މީހަކު ޝަރުތު ހަމަވެއެވެ. އަދި މާލޭގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހަކު ޝަރުތު ހަމަވެ އެވެ. މީގެ ކުރިން ނެރުނު ވަގުތީ ލިސްޓުގައި ޝަރުތު ހަމަވީ 723 މީހެކެވެ.

ވިނަރެސް ފްލެޓްތ ލިބޭ މީހުންގެ ވަގުތީ ލިސްޓް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާންމު ކުރުމަށް ފަހު އެ ލިސްޓަށް ޝަކުވާ ހުށަހަޅަން އޮތީ ހުޅުވާލައިފަ އެވެ.

އެޗްޑީސީން ބުނީ ލިސްޓުގައި ނަން އޮތް މީހުންގެ ތެރެއިން ދެމަފިރިން ވަކިން ފޯމް ހުށަހަޅާފައި އޮތަސް ފްލެޓެއް ގަތުމުގެ ފުރުސަތު ލިބޭނީ އޭގެ ތެރެއިން އެކަކަށް ކަމަށެވެ. އެ ކުންފުނިން ބުނީ ދާއިމީ ލިސްޓް އާންމުކޮށްފައިވާތީ ދެން އޮންނާނީ ފްލެޓަށް ޝަރުތު ހަމަވި ފަރާތްތަކުގެ މާލީ ގާބިލްކަން ބެލުމުގެ މަރުހަލާ ކަމަށެވެ. އެ މަރުހަލާ ނިމުމުން ބުކިން ފީ ނެގުމާއި ބޭނުންވާ ފްލެޓް އިހްތިޔާރު ކުރުމުގެ ފުރުސަތަށް ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ވިނަރެސް ފްލެޓްތަކަކީ ހުޅުމާލޭގެ ފޭސް ދޭއްގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،340 އެޕާޓްމެންޓް ހުންނަ ފްލެޓްތަކެވެ. ބޯހިޔާވަހިކަމުގެ މި މަޝްރޫ އަކީ މެދުފަންތީގެ ރައްޔިތުންނަށް ހާއްސަކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ.