Last Updated: April 18, 12:20
Thursday, April 18, 2024
ޚަބަރު

ސަން ސިޔާމަށް "ސިޔާސީ" އެހެން މަގާމެއް

މޯލްޑިވްސް ޑިވެލޮޕްޓްމަންޓް އެލައިން (އެމްޑީއޭ) ގެ ލީޑަރު އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އަށް ސިޔާސީ އިސް މަގާމެއް ލިބިވަޑައިގެންފި އެވެ.

މަޝްހޫރު ވިޔަފާވެރިޔާ އަށް ލިބުނީ ރުމޭނިއާ އިން ރާއްޖެ އަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމެވެ. ސިޔާމަށް މިދިޔަ އަހަރުގެ ފަހުކޮޅު ލިބިވަޑައިގަތް އެ މަގާމު ސަރުކާރުން ގަބޫލުކުރިކަމުގެ ލިޔުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ ސިޔާމާ ހަވާލުކޮށްފަ އެެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ސިޔާމް އެ މަގާމަށް އައްޔަން ކުރުމާ ގުޅިގެން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ ވެ. އޮނަރަރީ ކޮންސުލްއަކީ ގައުމުތަކުން އެހެން ގައުމުތަކަށް ކަނޑައަޅާ ރަމްޒީ މަގާމެކެވެ. އެ މަގާމަށް އާންމުކޮށް އައްޔަން ކުރާނީ ވެސް އެ ގައުމެއްގެ ރައްޔިތެކެވެ. ރުމޭނިއާގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވެސް ރާއްޖެ އަށް އޮނަރަރީ ކޮންސުލްގެ މަގާމަށް ދިވެހި އައްޔަންކޮށްފައިވެ އެވެ.

ސިޔާމަކީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނަ މިދިޔަ އަންގާރަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވާފައިވެ އެވެ. ނަމަވެސް އެ ބައްދަލުވުމާ ބެހޭ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.