Last Updated: May 11, 06:48
Saturday, May 11, 2024
ޚަބަރު

ޖެނުއަރީގައި 172،536 ޓޫރިސްޓުން

އަހަރުގެ ފުރަތަމަ މަސް ނިމުނު އިރު، ރާއްޖެ އަށް ޖުމްލަ 172،536 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ޓޫރިޒަމް ދާއިރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތްކުރި އަދަދަށް ބަލާ އިރު، އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންނަށް ވުރެ 40 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރީ 131،762 ޓޫރިސްޓުންނެވެ.

އަހަރު ފެށުނު ފަހުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން ޖެނުއަރީ މަސް ނިމުނު އިރު އެ ގައުމުން ޖުމްލަ 24،154 ޓޫރިސްޓުން އައިސްފައިވެ އެވެ. އަހަރު ފެށުނު ފަހުން ތިން ވަނައިގައި އޮތް އިންޑިއާ، ޖެނުއަރީ ނިމުނު އިރު ދެވަނަ އަށް ޖެހިލީ އެ ގައުމުން އައި 19،390 ޓޫރިސްޓުންނާ އެކީގަ އެވެ. ކުރިން ދެވަނައިގައި އޮތް އިޓަލީން ޖެނުއަރީގައި އައީ ޖުމްލަ 17،159 ޓޫރިސްޓުންނެވެ.

ގަދަ 10 ބަލާ އިރު ލިސްޓްގައި ދެން ހިމެނެނީ އިނގިރޭސިވިލާތް، ޖަރުމަން، އެމެރިކާ، ފްރާންސް، ޗައިނާ، ސްވިޓްޒަލޭންޑް އަދި ޕޮލޭންޑެވެ. އެގޮތުން މި މަހުގެ 1 ހަމައަށް ރާއްޖެ އަށް ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 178،159 އެވެ. އެއީ މި މަހުގެ 1 އައި 5،623 ޓޫރިސްޓުންނާ އެކީގަ އެވެ.

ރާއްޖޭން މި އަހަރު ކަނޑައަޅާފައި އޮތް ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ.