އިންޑިއާގެ ސިނަމާތަކުގައި މިހާރު ރަސްކަން ކުރަމުން އަންނަ ފިލްމު "ޕަތާން" ގައި ޝާހްރުކް ޚާން ކުޅުނު ވަރުގަދަ އެކްޝަން ރޯލާ އެކީ އެ ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މަޝްހޫރު ފްރެންޗައިޒް "ދޫމް" ގެ ހަތަރު ވަނަ ބަޔަށް އޭނަ ގެންނަން ފޭނުން ޑިމާންޑްކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި މިކަމަށް ގޮވާލައި ޝާހްރުކްގެ ފޭނުން އަންނަނީ ކެމްޕޭން ވެސް ކުރަމުންނެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ 57 އަހަރުގެ އެކްޓަރު މިހާރު ހުރި ފޯމަށް ބަލާ އިރު "ދޫމް 4" އަށް އޭނަ ވަރަށް ފިޓް ކަމަށެވެ. އަދި އޭގެ ނެގަޓިވް ރޯލުން ޝާހްރުކް ދެކިލުމުގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ.
މީގެ ކުރިން ވެސް "ދޫމް 4" އިން ޝާހްރުކް ފެނިދާނެކަމުގެ އަޑުތަކެއް އެރި އެވެ. އެކަމަކު 2013 ގައި އާމިރު ޚާނާ އެކީ ގެނެސްދިން "ދޫމް 3" އަށް ފަހު، އޭގެ ކުރިއަށް އޮތް ބަޔާ ބެހޭ ގޮތުން ވައިއާރްއެފުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
"ދޫމް" ސީރީޒްގެ އެންމެ ހާއްސަ ކަމަކީ އޭގެ ވިލަން ފިލްމުގެ އެންމެ ވަރުގަދަ ރޯލު ކުޅުމެވެ. އެގޮތުން 2004 ގައި މީގެ ފުރަތަމަ ބައިގެ އެންމެ މުހިއްމު ތަރިއަކީ ޖޯން އަބްހަރަމެވެ. އަދި 2006 ގެ "ދޫމް 2" ގެ ތަރި އަކީ ރިތިކް ރޯޝަނެވެ. "ދޫމް" ގެ ހުރިހާ ފިލްމުތަކެއް ވެސް ވަރަށް ކާމިޔާބެވެ.
މީގެ ފުރަތަމަ ތިން ފިލްމުގައި ވެސް ބަދަލުނުވާ ކާސްޓަކީ އަބީޝެކް ބައްޗަނާއި އުދޭ ޗޯޕްޅާ ކުޅޭ ފުލުހުންގެ ކެރެކްޓާތަކެވެ. އަދި ކޮންމެ ފިލްމަކީ އެކީ "ދޫމް" ގެ ބަތަލާއިން ބަދަލުވެ އެވެ. "ދޫމް" ގެ ބަތަލާއިންނަކީ އީޝާ ޑިއޯލް އާއި ރިމީ ސެން އެވެ. "ދޫމް 2" ގެ ބަތަލާއިންނަކީ އައިޝްވާރިއާ ރާއީ އާއި ބިޕާޝާ ބާސޫ އެވެ. އާމިރު ޑަބަލް ރޯލެއް ކުޅުނު "ދޫމް 3" ގެ ބަތަލާ އަކީ ކެޓްރީނާ ކައިފެވެ.
ޝާހްރުކް ލައްވައި "ދޫމް 4" ކުޅުވަން ފޭނުން ޑިމާންޑްކުރަމުން އަންނަ އިރު، މީގެ ހަތަރު ވަރަކަށް އަހަރު ކުރިން މި ފިލްމުގެ ވިލަންގެ ރޯލު ދީޕިކާ އަށް ހުށަހެޅިކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އަދި ޕްރަބާސް އާއި އަކްޝޭ ކުމާރަށް ވެސް "ދޫމް 4" ހުށަހެޅިކަމުގެ ވާހަކަތަކެއް ދެކެވިފައިވެ އެވެ.
ކޮންމެއަކަސް "ޕަތާން" ގެ ޖާދުލާ އެކު ޝާހްރުކްގެ ވިދުމުން މިހާރު އޮތީ ވަރުގަދަ އަށް އޮފް އަރައަރަ އެވެ. އޭނަގެ އިތުރު ދެ ފިލްމެއް ވެސް މި އަހަރު ރިލީޒްވާނެ އެވެ. އެއީ ޖޫން އަށް ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "ޖަވާން" އާއި ޑިސެމްބަރަށް ތާވަލުކޮށްފައި ސޯޝަލް ކޮމެޑީ "ދުންކީ" އެވެ.