Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ކުޑަގިރި އަށް ހާއްސަ މޯބައިލް އެޕެއް

ކުޑަގިރި ޕިކްނިކް އައިލެންޑާއި ގުޅޭ އެންމެ ފަހުގެ މަޢޫލޫމާތު ލިބޭ އެޕްލިކޭޝަނެއް ލޯންޗްކޮށްފި އެވެ.

އެޗްޑީސީން ބުނީ ކުޑަގިރި ބުކިންގްއަށް ހުޅުވާލެވިފައި ނުވި ކަމުގައި ވިއަސް ޑައުންލޯޑްކޮށް އަވަހަށް ރަޖިސްޓްރީކޮށްގެން މި އެޕްލިކޭޝަން މެދުވެރިކޮށް ކުޑަގިރިއާ ބެހޭ އެންމެ ފަހުގެ މަޢޫލޫމާތު ލިބޭނެ ކަމަށެވެ.

މި މަހުގެ 11 ގައި ކުޑަގިރި ހުޅުވަން ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާން ހާއްސަކޮށްގެން ހިއްކައިގެން ތަރައްގީކުރި ކުޑަގިރި ހުޅުވާނެ އިރަކަށް އެތައް ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. އެތަން ހުޅުވަން އެންމެ ފުރަތަމަ ޕްލޭންކުރީ މިދިޔަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ޖުލައި 26 ގަ އެވެ. ނަމަވެސް މަސައްކަތްތައް ނިންމަން ވަގުތު ބޭނުންވާތީ ހުޅުވަން ލަސްކުރީ އެވެ.

މާލޭން ލޯންޗެއްގައި ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮތް ކުޑަގިރި އަކީ ދަތުރުދާ މީހުންނަށް ބޭނުންވާ މައިގަނޑު ހުރިހާ ވަސީލަތްތަކާ އެކީ ކުޑަގިރު އަންނަ މަހު ރަސްމީކޮށް ހުޅުވަން ތައްޔާރީތައްވެފައިވާ އިރު، އަށް ހެކްޓަރުގެ ރަށުގައި 1.5 ހެކްޓަރުގެ ފިނޮޅެއް ވެސް ހަދާފައިވެ އެވެ. ރަށް ބަލަހައްޓާ އޮފީހަކާއި މިސްކިތާއި ފާޚާނާބަރިއަކާއި، ކެފޭ އާއި ފިހާރަ އަދި ހަޓުތަކާއި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް މި ރަށުން ލިބެން ހުންނާނެ އެވެ.

ކުޑަގިރި އަކީ ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެން ތަރައްގީކުރި ރަށެކެވެ. އެއީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ އެވެ.