ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގައި އޮތް ހާލު ބޮޑު އަންހެނަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ސ. ހިތަދު އަށް ގެންގޮސް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.
މިއަދު ހެނދުނު 06:50 އެހާކަށްހާ އިރު ހިތަދު އަށް ގެންގޮސްފައި ވަނީ ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ މާބަނޑު އަންހެނެއް ކަމަށްވާ އެ ރަށު ތިންމަސްގޭ އައިޝަތު މިޒުނާ، 25، ކަމަށް އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުންޏެވެ.
މިޒުނާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ބްލީޑްވާތީ ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެވެން ނެތިގެން ޑޮކްޓަރުގެ ލަފާގެ މަތިން ގއ. އަތޮޅު ކައުންސިލްގެ އެދިލެއްވުމަށް ކަމަށް ސަދަން އޭރިއާ އިން ބުންޏެވެ.
މިގޮތުން ބަލި މީހާ ހިތަދު އަށް ގެނެސްފައި ވަނީ ޑޮކްޓަރަކާއި 2 ނަރުހުންނާ އެކު އެވެ.
މިއަންހެން މީހާ ހިތަދު އަށް ގެންގޮސް ވަގުތުން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ވެސް ސަދަން އޭރިއާ އިން ބުންޏެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުނީ މިޒްނާ ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަން ތިއޭޓަރަށް ދިޔަ މަގުމަތީގައި ވިހައިފަ އެވެ.