އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ޗެލްސީ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.
މި ނަތީޖާއާ އެކު ޗެލްސީ އޮތީ 30 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގަ އެވެ. ފުލަމް އޮތީ 32 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ނިމިގެންދިޔަ ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ރެކޯޑު އަގެއްގައި ބެންފީކާ އިން ޗެލްސީ އަށް ގެނައި އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ވަނީ ކުޅެފަ އެވެ.
މި މެޗުގައ ފުލަމްގެ ފަރާތުން ރަނގަޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޗެލްސީ އަށް މި މެޗުގައި ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން ޗެލްސީގެ ފޯވާޑް ކައި ހަވެޓްޒް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ރޮގުމަތިން ފުލަމް ކުޅުންތެރިއަކު ދިފާއުކުރިއިރު އެންޒޯ ދުރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ. އަދި ދެވަނަ ހާފްގައި ކުޅެން އެރި ޒުވާން ފޯވާޑް ޑޭވިޑް ޑަޓްރޯ ފޮފާނާ ވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައިވެ އެވެ.
ފުލަމް އިން މި މެޗުގައި ޗެލްސީގެ ގޯލަށް އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު އަންދްރޭސް ޕެރެއިރާ އެވެ. އެގޮތުން ޗެލްސީގެ ގޯލުގެ 30 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ އެޓީމުގެ ގޯލްކީޕަރު ކެޕާ އެވެ.
ލީގުގައި އެންމެފަހުން ޗެލްސީން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާ އެވެ.