Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އިންތިހާބުގެ ކުރިއަކުން ޔާމީން ސަލާމަތެއް ނުވާނެ

މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ސަލާމަތްވެދާނެ ކަމަށް ނުފެންނަ ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭކަޓަށް ޔާމީން ނޫން މީހަކު ނެތް ކަމަށް ޕީޕީއެމާއި ޕީއެންސީން ބުނަމުން ގެންދާތީ އެކަމާ ގުޅުވައި މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބަށް ނަން ހުށަހަޅާ ހިސާބަށް ދިއުމުން ޔާމީން ނޫން މީހެއްގެ ވިސްނުން ޕީޕީއެމަށް އަންނާނެ ކަމަށެވެ.

"އަންނަން ވެސް ޖެހޭނެ. އެއީ އެއްވެސް މައްސަލައެއް ވެސް ނޫން. ކޮންކްރީޓް މެޝިނަށް ވޯޓްލަމުން ދިޔަ ދުވަސްވަރު އެމްޑީޕީން ވެސް އަޑުހަރުކޮށް އެހެން ކިއިތާ،" އޭނާ ވިދާޅުވި އެވެ. "ރައީސް ޔާމީން އިންތިހާބުގެ ކުރިން ސަލާމަތްވެދާނެ ކަމަށް ނުފެނޭ."

މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 9 ގަ އެވެ.

ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެ ހުކުމް އައީ މިދިޔަ އަހަރުގެ އޮގަސްޓް 19 ގައި ޔާމީނަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ވެސް ނުލައި ހަވާލުކޮށް، އެ މަނިކުފާން ވަރަށް ފޯރިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވަޑައިގެން ކެމްޕޭން ވެސް ކުރައްވަމުން ގެންދަވަނިކޮށެވެ.

ޔާމީން ޖަލަށް ލި ފަހުން ކޯލިޝަނުން އަންނަނީ "ހަރާން ހުކުމެއް" ކަމަށް ބުނެ އެ މަނިކުފާނު މިނިވަންކުރަން ގޮވާލައި މުޒާހަރާތަކެއް ވެސް ކުރަމުންނެވެ. އަދި ކޯލިޝަނާއި ޔާމީންގެ ވަކީލުންގެ ޓީމުން ވެސް ތަކުރާރުކޮށް ބުނަމުން އަންނަނީ ޔާމީން މިނިވަންވާނެ ކަމަށާއި އިންތިހާބުގައި ވާދަކޮށް ކާމިޔާބު ވެސް ކުރައްވާނެ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި ޔާމީން މިނިވަންވުމުގެ ފުރުސަތު އޮތް ކަމަށް ވަކީލުންގެ ޓީމުން ބުނެފައިވެ އެވެ.

ނަމަވެސް ޔާމީނަށް އިއްވި ހުކުމް އަދިވެސް އޮތީ އިސްތިއުނާފު ނުކޮށެވެ. އަދި އެކަން ވާނެ އިރެއް ވެސް ނޭނގޭ ކަމަށް ގާނޫނީ ޓީމުން ބުނެފައިވެ އެވެ. އެކަމަކު ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށް ދޭން ހައި ކޯޓްގައި އެދޭނެ ކަމަށް ވެސް ގާނޫނީ ޓީމުން ބުނެފައިވެ އެވެ.