ނާސްތާ އަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް މަޝްހޫރު "ނަޓެއްލާ" ގެ ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގް ހަމަޖައްސައިފި އެވެ.
މަޝްހޫރު ބަތަލާ ދީޕިކާގެ ފިރިމީހާ އަށް ލިބުނު އެ ފުރުސަތާ އެކީ އިންޑިއާގައި "ނަޓެއްލާ" ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމުގެ ޒިންމާ ދެން ނަގަމުން އަންނާނީ ރަންވީރެވެ. އޭނަ އަކީ ހުރިހާ އުމުރުފުރައެއްގެ މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަރިއަކަށްވާތީ "ނަޓެއްޓާ" ގެ ވިޔަފާރި އިންޑިއާގައި ވަރަށް ފުޅާވެގެން ދާނެ ކަމަށް ގަބޫލުކުރެވެ އެވެ.
އިޓަލީގެ ކުންފުންޏެއް ކަމަށްވާ ފެރާރޯގެ އިންޑިއާ ގޮފީގެ މާކެޓިން ހެޑް ޒޮހަރް ކަޕޫސްވާލާ ވިދާޅުވީ "ނަޓެއްލާ" ގެ ބްރޭންޑް އެމްބެސެޑަރުކަން ރަންވީރަށް ދިނީ އޭނަ އަކީ ޖޯޝާއި ފޯރިގަދަ ތަރިއަކަށްވެފައި "ނަޓެއްލާ" އަކީ ވެސް ހަކަތަ އިތުރުކޮށްދޭ އެއްޗެއް ކަމަށެވެ.
"އެހެންވެ ރަންވީރުގެ ޕާސަނަލިޓީ އާއި އަހަރެމެންގެ އުފެއްދުމާ ވެސް ވަރަށް ބޮޑަށް ގުޅޭތީ އޭނަ އެމްބެސެޑަރަކަށް ހަމަޖެއްސުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ވެސް މެ." އޭނާ ވިދާޅުވި އެވެ.
ރަންވީރު ބުނީ އޭނަ އަކީ ވަރަށް ކުޑައިރުން ފެށިގެން "ނަޓެއްލާ"ގެ ބޮޑު ފޭނެއް ކަމަށާއި އެންމެ ފަހުން އެ އުފެއްދުން ޕްރޮމޯޓްކޮށް، އިޝްތިހާރުކުރަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"ނަޓެއްލާ" ގެ ބްރޭންޑް އެމްބެސެޑަރަކަށް އޭނަ ހަމަޖެއްސުމާ ގުޅިގެން "ވޯލްޑް ނަޓެއްޑާ ޑޭ" ގެ ގޮތުގައި ފާހަގަކުރަމުން ފެބްރުއަރީ 5 ގައި ރަންވީރާ އެކީ އިންޑިއާގައި ހާއްސަ ކެމްޕޭން ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން މިހާރު އޮތީ ރާވައިފަ އެވެ.
"ނަޓެއްލާ" ތައާރަފުކުރީ މީގެ 59 އަހަރު ކުރިން 1964 ގަ އެވެ.