މިހާތަނަށް ހަޔާތުގައި އަދާކުރަން ލިބުނު އެންމެ ހިތްގައިމު ރޯލަކީ މައެއްގެ ދައުރު ކަމަށް ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫ ބުނެފި އެވެ.
އޭނަ އާއި އެކްޓަރު ކަރަން ސިންގް ގްރޯވާގެ ކައިވެންޏަށް ހަ އަހަރު ފަހުން ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ގަ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބިޝާޕާ، 44، އަށް ލިބުނީ އަންހެން ކުއްޖެކެވެ. ދަރިފުޅާ އެކީ ވަގުތު ހޭދަކުރާ މަންޒަރު ފެންނަ ފޮޓޯއަކާ އެކީ އޭނަ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ "މައެއްގެ ރޯލަކީ އެންމެ ހިތްގައިމު ރޯލު" ކަމަށެވެ.
ފިލްމު "އަޖްނަބީ" އިން 2001 ގައި ބޮލީވުޑަށް ނުކުމެ ބިިޕާޝާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޖިސްމް" އާއި "ރާޒް" އާއި "ދޫމް" އާއި "އޯމްކާރާ" އާއި "ނޯ އެންޓްރީ" އާއި "ރޭސް" އަދި "ބަޗްނާ އޭ ހަސީނޯ" ފަދަ ފިލްމުތައް ހިމެނެ އެވެ.
ބިޝާޕާ އާއި ކަރަން 2016 ގައި ކައިވެނިކުރި ފަހުން ރީތި ބަތަލާ ވަނީ ބޮލީވުޑުން ގެއްލިފަ އެވެ. ބިޕާޝާ އެންމެ ފަހުން ފެނިފައި ވަނީ ފިރިމީހާއާ އެކީ ކުޅުނު 2015 ގެ "އެލޯން" އިންނެވެ. ކަރަން މިހާރު އަންނަނީ އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ފިލްމު "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" ގެ މަސައްކަތްކުރަމުންނެވެ.
އަންނަ އަހަރުގެ ޖެނުއަރީ 25 އަށް ތާވަލުކޮށްފައި އޮތް މި ފިލްމުގެ ކާސްޓްގައި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ އިތުރުން އަނިލް ކަޕޫރް ވެސް ހިމެނެ އެވެ. ސިދާތަކީ ބިޕާޝާގެ "ބަޗްނާ އޭ ހަސީނޯ" ގެ ޑައިރެކްޓަރެވެ.