Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ބޯޑުގައި އާންމު މެމްބަރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ތެރެއިން އެކަކު މަގާމުން އިސްތިއުފާ ދީފައިވާތީ ޑިރެކްޓަރުންގެ އާންމު މެމްބަަރަކު ހޯދަން އިއުލާންކޮށްފި އެވެ.

މި މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމަށް އެދޭ ފޯމް ޕެންޝަން އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.

ޕެންޝަން އޮފީހުގެ ބޯޑްގައި ޖުމްލަ 8 މެމްބަރުން ހިމެނޭ އިރު، އޭގެ ތެރެއިން ޕްރައިވެޓް ސެކްޓާއިން ބޯޑްގައި ހަތަރު މެމްބަރަކު ހިމެނެ އެވެ. މިހާރު މެމްބަރަކު ހޯދަން އިއުލާންކުރި އޭގެ ތެރެއިން އެކަކު މަގާމުން ވަކިވެފައިވާތީ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

ޕެންޝަން އޮފީހުގެ ބޯޑު އެކުލެވެނީ ބޯޑުގެ ޗެއާޕާސަނާއި ސެކިއުރިޓީސް މާކެޓް ރެގިއުލޭޓަގެ އިސް މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ ސިވިލް ސާވިސްގެ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓަ ތަމްސީލުކުރާ ހަތަރު މެމްބަރަކާ އެކީގަ އެވެ.

ޕްރައިވެޓް ސެކްޓަ ތަމްސީލުކުރާ މެންބަރުން ޕެންޝަން އޮފީހުގެ ބޯޑަށް ޢައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އެގޮތުން ޕްރައިވެޓް ސެކްޓަ ތަމްސީލުކުރާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދަން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ތިން ނަމެއް ޝޯޓްލިސްޓްކޮށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެ އެ މީހުން ޝަރުތު ހަމަވޭތޯ ޔަގީންކުރާނެ އެވެ.