Last Updated: June 9, 10:56
Tuesday, June 9, 2026
ޚަބަރު

17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައި

ރާއްޖޭގައި އަހަރަކު 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައިކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކެންސަރުބަލީގެ ދުވަހާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުނު ބަޔާނެއްގައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖޭގައި އެންމެ ގިނައިން މީހުން ތިން ސަބަބުތަކުގެ ތެރޭގައި ކެންސަރު ހިމެނޭ ކަމަށެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށެވެ.

އެގޮތުން ރާއްޖޭގައި ފިރިހެނުންނަށް އާންމުކޮށް ޖެހޭ ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ފުއްޕާމޭ، ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، ބަނޑާއި ފުރަމޭގެ ކެންސަރު ހިމެނެއެވެ. އަދި އަންހެނުންގެ ތެރޭގައި އެންމެ ގިނައިން ފެންނަނީ އުރަމަތީ، ކޮލޮރެކްޓަލް، ފުއްޕާމޭ، ރަހިމުގެ ދިރަށްޖެހޭ އަދި ތައިރޮއިޑް ކެންސަރު ހިމެނެއެވެ.

އާސަންދައިގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2016 އިން 2019 އަށް ކެންސަރު ބައްޔަށް 7500 އަށް ވުރެއް ގިނަ މީހުން ފަރުވާ ހޯދާފައިވެއެވެ.

ކެންސަރު ބަލި ޖެހުމަށް މަގުފަހިވާ ކަންކަން:

1- ދުންފަތުގެ އިސްތިއުމާލުކުރުން، ދުމަށް ހުށަހެޅުން
2- ކެއިންބުއިމުގެ ނުރަނގަޅު އާދަތައް
3- ދުފުން
4- ހެލިފެލިވެ ނޫޅުން، ކަސްރަތުނުކުރުން
5- ބަރުދަން ހުންނަންވާ މިންވަރަށްވުރެ އިތުރުވުން
6- ބަނގުރާ ބުއިން
7- އަތްވަށް ހުށަހެޅުން

ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ 4 އަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ.

2023 ވަނަ އަހަށް ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ"އެވެ.