Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ފުވައްމުލަކުގައި ބާއްވާ އެންމެ ބޮޑު ނައިޓް މާކެޓް ފަށައިފި

މިހާތަނަށް ފުވައްމުލަކު ސިޓީގައި ބާއްވާ އެންމެ ބޮޑު ނައިޓް މާކެޓް ކަމަށްވާ "ރަށި ބާޒާރޮ 2023" 51 ވިޔަފާރިއާއި އެކު ފަށައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން ބާއްވާ މި ބާޒާރަކީ މިފަދަ މާކެޓް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެއެވެ. މި ނައިޓް މާކެޓް ހުޅުވައި ދެއްވީ ކުޅުދުއްފުށީ ސިޓީ މޭޔަރ މުހައްމަދު އާތިފްއެވެ.

“ރަށި ބާޒާރޮ” ހުޅުވުމުގެ ތެރެއިން / ފޮޓޯ: ރަށި ބާޒާރޮ

އެކި ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް ހުޅުވާލެވިގެން ބޭއްވޭ މި ބާޒާރު އޮންނާނީ ފެބްރުއަރީ މަހުގެ 3، 5، 6، 7 އަދި 8 ގައެވެ. މިދުވަސްތަކުގެ ރޭގަނޑު 20:00 އިން 23:00 އަށް ފުވައްމުލައް ސިޓީގެ ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާނެއެވެ.

މި ނައިޓް މާކެޓް އަމާޒަކީ، އާންމުކޮށް ފިހާރަތަކުގައި ލިބެން ހުންނަ އަގަށްވުރެން ހެޔޮ އަގުގައި، ތަފާތު އެކިކަހަލަ މުދާތައް އެއްތަނަކުން ރައްޔިތުންނަށް ގަނެވޭނެ މަގު ފަހިކޮށްދިނުން ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެއެވެ.

މި ބާޒާރުގައި ބަދިގޭގައި ބޭނުންކުރާ ސާމާނާއި، ގޭތެރެ ޒީނަތްކުރުމަށް ބޭނުން ކުރެވޭނެ ތަކެތި ލިބޭނެ ފަދަ ސްޓޯލްތައް ހުންނާނެއެވެ. އަދި ހާޑްވެއަރ ސާމާނާއި ބުކްޝޮޕަކާއި ކައްކާ ކެއުން ބުއިމަށް ބޭނުންކުރެވޭނެ ފަދަ ތަކެތިވެސް ލިބެން ހުންނާނެ ކަމަށް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ފުވައްމުލަކުގައި ތައްޔާރުކުރެވިފައިވާ އެކި ކަހަލަ ކާއެއްޗެހި ވިއްކާ ސްޓޯލްތަކާއި ކެންޓީނުގެ ހިދުމަތްވެސް ބާޒާރުން ލިބެން ހުންނާނެއެވެ.

މިފަހަރުގެ ބާޒާރުގައި 51 ވިޔަފާރިއަކުން ވަނީ ބައިވެރިވެފައެވެ. އެއީ 28 ރަޖިސްޓަރ ކޮށްފައިވާ ވިޔަފާރި އާއި، އޮންލައިން ވިޔަފާރި ކުރާ 12 ފަރާތެއްގެ އިތުރުން ގޭގައިކާބޯތަކެތި ތައްޔާރުކޮށް ވިއްކާ 11 ފަރާތް ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

މިފަހަރު ބާޒާރަށް ޒިޔާރަތް ކުރާފަރާތަކަށް ގުރުއަތުގައި ބައިވެރިވެ ބޮޑެތި އިނާމްތައް ހޯދުމުގެ ފުރުސަތު އޮތް ކަމަށް ކައުންސިލުން ބުނެއެވެ. މިއީ މިގޮތަށް ފުވައްމުލަކުގައި ބޭއްވޭ އެންމެ ބޮޑު ނައިޓް މާކެޓެވެ.