ހިތަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިން ސާވޭ ކުރުމަށް ހެލްތު މިނިސްޓްރީ އާއި އޮފީސް އޮފް ޕްރޮގްރާމް އެންޑް ޕްރޮޖެކްޓްސް (އޯޕީޕީ) ގެ އިތުރުން ޑިޒައިނިން ކޮންސަލްޓެންޓްގެ ޓީމެއް އައްޑު އަށް އައުމަށް ހަމަޖެހިއެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިޓީމް މިމަހުގެ 11 ވަނަ ދުވަހު އައްޑޫއަށް އައުމަށް ވަނީ ހަމަޖެހިފަ އެވެ.
އައްޑޫގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ ހޮސްޕިޓަލް އިމާރާތް ކުރުމާއި ގުޅޭ ގޮތުން ކައުންސިލާއި، ހެލްތް މިނިސްޓްރީ އަދި އޯޕީޕީއާއި އެކު މިދިޔަ ހަފްތާގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
ސޯބެ ވިދާޅުވީ މި ބައްދަލުވުމުގައި ހޮސްޕިޓަލް އެޅުމަށް މިހާރު ހަމަޖެހިފައިވާ ބިމާއި، ކައުންސިލުން ހުށަހެޅި ބިމާއި މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.
"އަޅުގަނޑުމެން އެ ބައްދަލުވުމުގައި ދެ ބިމާއި މެދު މަޝްވަރާ ކުރިން، އޯޕީޕީ އަދި ހެލްތު މިނިސްޓްރީންވެސް ބޭނުންވޭ ދެ ބިންވެސް ޗެކް ކޮށްލަން. އަސްލު ފުރަތަމަ ބާއްވަން ޖެހޭ ބައްދަލުވުން އަދި ކިރިޔާ މި ބޭއްވުނީ"
މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލް އިމާރާތް ކުރަން ހަމަޖެހިފައިވާ ބިމުގެ ސޮއިލް ޓެސްޓް ކުރުމަށް އައްޑޫއަށް ޒިޔާރަތް ކުރާ ޓީމުން ކުރީގެ ޕޮލިސް ޓްރޭނިން ސްކޫލް ހުރި ބިމުގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް ވަނީ ނިންމާފައެވެ.
ހިތަދޫ ހޮސްޕިޓަލަކީ ސައޫދީ ފަންޑުން ދީފައިވާ 12.5 މިލިއަން ޑޮލަރާއި އޯޕެކް ފަންޑް ފޯ ނޭޝަނަލް ޑިވްލޮޕްމަންޓް (އޯފިޑް) އިން ދީފައިވާ 8.5 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ތަރައްޤީ ކުރުމަށް ނިންމާފައިވާ ހޮސްޕިޓަލެކެވެ.