ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލް އަތުން 1-0 އިން އެވަޓަން މޮޅުވެއްޖެ އެވެ.
މި މެޗުން ބަލިވި ނަމަވެސް އާސެނަލް އަދިވެސް އޮތީ ލީގުގެ އެއްވަނައިގަ އެވެ. ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 20 މެޗުން ލިބުނު 50 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 45 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. ސިޓީ މާދަމާ ރޭ ނިކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ. މިރޭގެ މެޗުން މޮޅުވި އެވަޓަން އޮތީ 18 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ.
އެވަޓަންގެ ދަނޑުގައި މިރޭ ކުޅުނު މި މެޗަކީ އެވަޓަންގެ އާ ކޯޗު ޝޯން ޑައިޗްގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ލީޑުނަގަން އެވަޓަންގެ ފޯވާޑް ކަލްވާޓް ލެވިން އަދި ޑޮކޫރޭ އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. މި ހާފުގައި އާސެނަލްގެ ބުކާޔޯ ސަކާ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ރޮގުމަތިން އެވަޓަންގެ ޑިފެންޑަރު ކޯޑީ ވަނީ ދިފާއުކޮށްފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 60 ވަނަ މިނެޓްގައި އެވަޓަން އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޖޭމްސް ޓާކޯސްކީ އެވެ. މި ގޯލަކީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ޓާކޯސްކީ ބޮލުން ކުރިއަށް ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
އެވަޓަންގެ ގޯލާއެކު އާސެނަލުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ނަތީޖާ އެއްވަރުކުރަން މަސައްކަތްކުރި ނަމަވެސް އެޓީމަށް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. މިއީ މިފަހަރުގެ ލީގުގައި އާސެނަލް ބަލިވި ދެވަނަ މެޗެވެ. މީގެކުރިން އެޓީމު ބަލިވީ މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ބްރެންޓްފޯޑްއާ އެވެ.