Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ބޮޑެތި ބަދަލުތަކަކާ އެކީ އޮލިމްޕަސް ހުޅުވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އޮލިމްޕަސް އަލުން ހުޅުވައިދެއްވައިފި އެވެ.

އޮލިމްޕަސް އަލުން ހުޅުވައިދެއްވީ އެކަމަށް މިރޭ އޮލިމްޕަހުގައި ބޭއްވި ޙަފްލާއެއްގަ އެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ވަޒީރުންގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އޮލިމްޕަސް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށްގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓާއި އިންޑިއާ ސަރުކާރުގެ"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ގްރާންޓުގެ ދަށުންނެވެ. އޮލިމްޕަސް އަލުން ހުޅުވާފައި މި ވަނީ އެތަން އިތުރަށް ތަރައްޤީކޮށް ޒަމާނީ އެތައް ބަދަލުތަކަކާއެކުގަ އެވެ.

މި ގެނެވުނު ބަދަލުތަކާއެކު ދިވެހި ފިލްމުތައް ސްކްރީން ކުރުމުގައި އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެގޮތަށް ޚިދުމަތްތަކާ ވަޞީލަތްތައް ވަނީ ތަރައްޤީކޮށްފަ އެވެ.

އެގޮތުން މާލޭގައި މިއުޒިކު ޝޯތައް ބޭއްވުމާއި، ރާއްޖޭގައި އުވެމުންދާ ސްޓޭޖް ތަމްސީލް ކުޅުމުގެ ފުރުސަތު ފަހިވާގޮތައް ބަދަލުތައް ގެނެސްފައި ވުމާއި މިއުޒިކާއި ނެށުމަށް ޚާއްޞަ ޕްރެކްޓިސް ރޫމް ތަރައްޤީކުރުމުގެ އިތުރުން އޮލިމްޕަސްގެ ބެކްޔާޑްވެސް ވަނީ ތަފާތު ހަރަކާތްތައް ބޭއްވޭގޮތަށް ތަރައްގީކޮށް ޚިދުމަތްތަކާއި ވަޞީލަތްތައް އިތުރަށް ތަރައްޤީކޮށްފަ އެވެ.

މީގެ 64 އަހަރުކުރިން ހުޅުވި އޮލިމްޕަހަކީ އެތައް ފަންނުވެރި އުފެއްދުންތަކާއި އަދި އެތަކެއް ފަންނާނުންނެއް އުފެއްދުންތެރިކަން ފެށުމާ ގުޅިފައިވާ މުހިންމު ބިނާއެކެވެ.