Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އޮލިމްޕަހާ އެކީ ފަންނުވެރިކަން ދިރޭނެ: ޔުމްނާ

އޮލިމްޕަސް ހުޅުވުމުގެ ރަސްމީއްޔާތުގެ ތެރެއިން މިނިސްޓަރ ޔުމްނާ މައުމޫން / ފޮޓޯ: މިނިސްޓްރީ އޮފް އާޓްސް

އޮލިމްޕަސް އަލުން ހުޅުވުމަކީ ފަންނުވެރިކަން ދިރިގެން އަންނާނެ ކަމެއް ކަމަށް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު އޮލިމްޕަހަށް ޒަމާނީ ބަދަލުތަކެއް ގެނެސް ރޭ އަލުން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އޮލިމްޕަސް އަލުން ހުޅުވުނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކީގައި ކަމަށެވެ. އަދި ސަރުކާރުން ދެކޭ ގޮތުގައި މިއީ ސަރަހައްދީ ފެންވަރުގެ ސިނަމާއެއް އަދި ތީއޭޓަރެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޮލިމްޕަސް އަލުން ހުޅުވި އިރު، އާންމުންނަށް ބޭނުން ކުރުމަށް ސިނަމާ ހޯލާއި، ތިއޭޓަރުގެ އިތުރުން ތިން މިއުޒިކް ޕްރެކްޓިސް ރޫމާއި ޑާންސް ސްޓޫޑިއޯއެއް ވެސް އެތަނުގައި ހަދާފައިވެ އެވެ. ޔުމްނާ ވިދާޅުވީ ފަންނާނުންގެ ހުނަރު ޕްރެކްޓިސް ކުރާނެ ޖާގައެއް ނެތުމަކީ ވަރަށް ބޮޑު ޝަކުވާއެއް ކަމަށާއި އޮލިމްޕަށް ގެނައި ބަދަލުގެ ސަބަބުން އެކަމަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ.

ރާއްޖޭގެ މައި ސިނަމާގެ ގޮތުގައި ފާހަގަކޮށްލެވޭ އަދި ދިވެހި ފިލްމުތައް އަޅުވަން ހާއްސަ ސިނަމާއެއްގެ ގޮތުގައި ހުރި އޮލިމްޕަސް ހުޅުވުން ލަސްވުމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެ އިމާރާތަކީ ދުވަސްވީ އިމާރާތަކަށްވުމުން ސަރުކާރުން މަސައްކަތް ކުރީ ބޭރުން ބޮޑު ބަދަލެއް ނުގެނެސް އެތެރޭގެ ވަސީލަތްތައް ތަރައްޤީކުރަން ކަމަށެވެ. އަދި މަސައްކަތް އެންމެ ބޮޑަށް ލަސްވީ ކޮވިޑާ އެކު ބޭރުން ގެންނަ ތަކެތި ނުލިބިގެން ކަމަށް ވިދާޅުވި އެވެ.

ޔުމްނާގެ ވާހަކައިގައި އޮލިމްޕަހުގެ ތަރީޙާއި އަވަށްޓެރި ގައުމުތަކާ ވެސް ގުޅިފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން މީގެ 60 އަކަށް އަހަރު ކުރިން، ލަންކާ ސަރުކާރުގެ އެހީގައި އޮލިމްޕަސް އިމާރާތްކުރި އިރު މިއަދު އަލުން މަރަމާތުކޮށް ހުޅުވުނީ އިންޑީއާގެ އެހީގަ ކަމަށް ވިދާޅުވި އެވެ.

އޮލިމްޕަސް އަލުން ރޭ ހުޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނު މުހާވަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ވަރަށް ބޮޑެތި މަރާމާތުތަކެއް ކުރަން ހުއްޓައި ސަރުކާރުން މިދިޔަ އަހަރު އޮލިމްޕަހަށް ދެ މިލިއަން ރުފިޔާ ހަރަދުކޮށް މަރާމާތު ކުރިއިރު، އިންޑިއާ އިން އެކަމަށް 8 މިލިއަން ރުފިޔާގެ އެހީއެއް ދިނެވެ.

އޮލިމްޕަސް ބަންދުކުރީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމުން 2020 ގެ މާޗްގަ އެވެ. އޭރު ސިނަމާގައި އަޅުވާފައި އޮތީ ފިލްމު "އަނދިރިކަން" އެވެ. އޮލިމްޕަހުގައި މާދަމާ ރޭ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ބީވީމާ" ޕްރީމިއާކުރަން ހަމަޖެހިފައިވެ އެވެ.