އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ޖަލު ހުލުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން މީހަކަށް އެ ކޯލިޝަނުން ނުދޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަށްވުމުގެ ގޮތުން "ހޯޕް" ގެ ނަމުގައި މި މަހުގެ 2 ގައި ފެށި ކޮންފަރެންސް އިއްޔެ ނިންމާލައި ރޭ "ދުއްޕާން" ގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާގައި މާވަށު ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ ސައީދު ވިދާޅުވީ ރިޔާސީ ޓިކެޓް ޔާމީން ނޫން އެހެން މީހަކަށް ހައްގު ނުވާ ކަމަށެވެ.
"މި ޕާޓީގެ ރައީސަކީ ރައީސް ޔާމީން. މި ޕާޓީގެ ޓިކެޓެއް އެއްވެސް ފަރާތަކަށް ދޫންޏަކަށް، ބާޒެއް، އެހެން އެއްޗެއް ކިޔާނެ ކަމެއް ނެތް ނުލިބޭނެ،" ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ޓިކެޓު ލިބޭނީ ރައީސް ޔާމީނަށް."
އިދިކޮޅު ކޯލިޝަނުން ޕްރައިމަރީއަކާ ނުލައި ޔާމީނަށް ރިޔާސީ ޓިކެޓް ދިނީ މިދިޔަ އަހަރުގެ އޮގަސްޓް 19 ގަ އެވެ. އަދި ޔާމީނަށް 11 އަހަރުގެ ޖަކު ހުކުމެއް އިއްވައި މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ޖަލަށްލީ، ވަރަށް ފޯރީގައި ޔާމީން ރާއްޖޭގެ އެކި ހިސާބުތަކަށް ވަޑައިގެން ކެމްޕޭން ވެސް ކުރައްވަމުން ގެންދަވަނިކޮށެވެ.
Hope Conference | Dhuppaan Jalsaa #HOPEconference#RY2023#FreePresidentYameen#DhuppaanJalsaa pic.twitter.com/x6akqwwfGp
— Progressive Party of Maldives (@ProgressPartyMV) February 4, 2023
ނަމަވެސް ޔާމީނަށް އިއްވީ "ހަރާން ހުކުމެއް" ކަމަށް ބުނެ އިދިކޮޅު އަންނަނީ އެ މަނިކުފާނު މިނިވަންކުރަން ގޮވައިލަމުންނެވެ. އަދި ޔާމީން މިނިވަންވާނެ ކަމަށާއި އިންތިހާބުގައި ވާދަކޮށް ކާމިޔާބު ވެސް ކުރައްވާނަ ކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ބުނަމުންނެވެ. ޔާމީންގެ ގާނޫނީ ޓީމުން ބުނެފައިވާ ގޮތުގައި އަންނަ މަހުގެ ތެރޭގައި އެ މަނިކުފާނު މިނިވަންވުމުގެ ފުރުސަތު ވެސް ބޮޑެވެ.
ސައީދު ވިދާޅުވީ ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގައި އޭނާ ވެސް ހުންނެވީ ފިސާރި ގަދައަށް ނުކުމެވައިގެން ކަމަށެވެ. އެހެންވެ އޭނަ ހުންނެވީ އެ މަސައްކަތުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ފަހަތުގައި ކަމަށް ވިދާޅުވި އެވެ.
Hope Conference | Dhuppaan Jalsaa #HOPEconference#RY2023#FreePresidentYameen#DhuppaanJalsaa pic.twitter.com/kxMTZngLOt
— Progressive Party of Maldives (@ProgressPartyMV) February 4, 2023
"އަަބްދުއްރަހީމް ތި ގޮވާލެއްވި ގޮވާލުމަށް، އަޅުގަނޑުމެންގެ ލީޑާޝިޕްގެ އެންމެން ބައިވެރިވާ ފަދައިން އަޅުގަނޑު އެކަކަށް ބައިވެރިވާނަން. އެއްވެސް ބޭފުޅަކަށް މައިކް ދެއްވާނެ ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ. ރައީސް [ޔާމީން] ވަޑައިގަންނަވަންދެން އަބްދުއްރަހީމް މައިކް ހިއްޕަވައިގެން ހުންނަވާ. އަޅުގަނޑުމެން އެންމެން މި ތިބީ، މި ވަގުތު ޕާޓީ ހިންގަން ހަވާލުވެ ހުންނެވި އަބްދުއްރަހީމް ފަހަތުގައި."