ކަލާޒް އިން ދައްކަމުން އަންނަ ރިއަލިޓީ ޝޯ، "ބިގް ބޮސް" ސީޒަން 16 ގައި ވާދަކުރަމުން އަންނަ ޓީވީ އެކްޓަރު ޝާލިން ބެނޮޓްގެ އަންހެނުން ޓީވީ ބަތަލާ ދަލްޖީތު ކޯރް ދެވަނަ ކައިވެންޏަކަށް ތައްޔާރުވެއްޖެ އެވެ.
"ކުލްވަދޫ" ފަދަ ސިލްސިލާތައް ކުޅުނު 40 އަހަރުގެ ބަތަލާ ވަނީ މިކަން އިންސްޓަގްރާމްގައި ވެސް އިއުލާންކޮށްފަ އެވެ. ފުރަތަމަ ކައިވެންޏަށް ދަރިއަކު ވެސް ހުރި ދަލްޖީތުގެ އާ ބައިވެރިޔަކީ އިނގިރޭސިވިލާތަށް އުފަން އިންޑިއާ ދަރިކޮޅުގެ ވިޔަފާވެރިއެއް ކަމަށްވާ ނިކިލް ޕަޓޭލް އެވެ.
މި ދެ މީހުންގެ ގުޅުން އެ މީހުންގެ އިންސްޓަގްރާމްގައި ވެސް ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، އަންނަ މަހުގެ ތެރޭގައި ކައިވެނިކުރަން ވަނީ ނިންމައިފަ އެވެ. ނިކިލް އަކީ ވެސް ކުރިން ކައިވެންޏެއްކޮށް ދެ އަންހެން ދަރިން ތިބި މީހެކެވެ.
އޭނައާ ކައިވެނިކުރަން ތައްޔާރުވަމުން އަންނާތީ ދަލްޖީތު ބުނީ ވަރަށް އަވަހަށް ނައިރޯބީ އަށް ވެސް ދިރިއުޅުން ބަދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެއީ ނިކިލްގެ މަސައްކަތުގެ ސަބަބުން އެ ގައުމުން މި ދަނޑުގައި ބަދަލުވާން ޖެހުމާ ގުޅިގެންނެވެ.
"އެކަމަކު އޭގެ ފަހުން އަހަރެމެން ލަންޑަނަށް ބަދަލުވާނަން." ބިގް ބޮސް 13 ގައި ވާދަކުރި ދަލްޖީތު ބުންޏެވެ.
އޭނަ ބުނި ގޮތުގައި ނިކިލްއާ އެންމެ ފުރަތަމަ ދިމާވީ މިދިޔަ އަހަރު ދުބާއީގައި ރައްޓެއްސެއްގެ ޕާޓީއަކުންނެވެ. އޭގެ ފަހުން ދެ މީހުންގެ މެދުގައި އެކުވެރިކަން އުފެދި، ފަހުން އެ ގުޅުން ލޯތްބަށް ބަދަލުވީ ކަމަށް ބުންޏެވެ.
"ވަރަށް އުފަލުން މިހުރީ. އެކަމަކު ބައެއް ފަހަރު ހިތް ބިރު ވެސް ގަނޭ. ހިތަށް އަރާ ދެވަނަ ކައިވެންޏެއް ކުރުމަކީ ނިންމޭ ގޯސް ނިންމުމަކަށް ނުވެދާނެބާއޭ.،" ދަލްޖީތު ބުންޏެވެ. "އެކަމަކު ލޯބިވެވުމަކީ ވަރަށް އުފާވެރި އިހުސާސެއް. މިކަމުގެ ސަބަބުން ހަލާކުވެފައިވާ އަހަރެންގެ ހިތަށް ވަނީ ބޮޑު ތަސައްލީއެއް ލިބިފައި."
ދަލްޖީތާއި ޝާލިން 2009 ގެ ކައިވެނި ރޫޅުނީ 2015 ގަ އެވެ. އެ ކައިވެންޏަށް ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ. އެއީ 9 އަހަރުގެ ޖޭޑަން ކޯރް އެވެ.
"ބިގް ބޮސް 16" ގެ ތެރޭގައި ޝާލިން ވެސް އާ ބައިވެރިޔަކު ހޯދި އެވެ. އެއީ ޓީވީ ބަތަލާ ޓީނާ ދައްތާ އެވެ. އެކަމަކު އެ ގުޅުން "ވަރަށް ހަޑިކޮށް" ނިމި، ޓީނާ ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޝޯ އިން ވެސް ކަޓައިފަ އެވެ.