Last Updated: July 27, 13:31
Monday, July 27, 2026
މުނިފޫހިފިލުވުން

އަހަންނަކީ ޖިންސީ ގޯނާގެ ޝިކާރައެއް

ކުޑައިރު ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ލިބުނު ކަމަށާއި ފަހުން ކުރިމަތިލާން ޖެހުނު ރޭޕްގެ ތުހުމަތުތަކާ ގުޅިގެން އަމިއްލަ އަށް މަރުވާން ވެސް ވިސްނި ކަމަށް ކެރިއަރު ހަލާކުވެފައިވާ ހޮލީވުޑްގެ އެކްޓަރު އާމީ ހާމާ ބުނެފި އެވެ.

"ކޯލް މީ ބާއި ޔޯ ނޯމް" އާއި "ދަ ސޯޝަލް ނެޓްވޯކް" ފަދަ ފިލްމުތަކުން ފެނިފައިވާ 36 އަހަރުގެ އެކްޓަރު އެއާ މެއިލް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަގެ "ބަރުބާދުވުމުގެ" ފެށުމަކީ ފުރާވަރުގައި ކުރިމަތިލާން ޖެހުނު ޖިންސީ ގޯނާ ކަމަށެވެ. އެގޮތުން 13 އަހަރުގައި ޖިންސީ ގޯނާ ލިބި، ޖިންސީ ކަންކަމުގެ ތެރެއަށް ވެއްޓި، އެކަން ކޮންޓްރޯލުން ނެއްޓުނު ކަމަށ ބުންޏެވެ. ނަމަވެސް އެ ދަނޑިވަޅުގައި އެހީވާނެ އެއްވެސް މީހަކު ނެތް ހާމާ ކަމަށް ބުންޏެވެ.

ދެ ކުދިން ވެސް ލިބިފައި ވަނިކޮށް 2020 ގައި ކައިވެނި ވެސް ރޫޅުނު އުންމީދީ އެކްޓަރަށް އެންމެ ފުރަތަމަ ރޭޕްގެ ތުހުމަތުކުރެވުނީ 2021 ގެ މާޗް މަހުގެ ތެރޭގަ އެވެ. އޭރު "އެފީ" ކިޔާ މީހަކު ބުނެފައިވާ ގޮތުގައި ހާމާ އޭނަ ރޭޕްކުރީ 2017 ގަ އެވެ. އަދި އެ ދުވަހު ހާމާ ކަންތައް ކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި ޖިންސީ ގޮތުން އަރާފައި ހުރި ފޯރީގެ ސަބަބުން ރޭޕްކޮށްލައި މަރާލާނެހެން ވެސް ހީވި ކަމަށް "އެފީ" ބުނެފައިވެ އެވެ.

އޭނަގެ އެ ވާހަތަކަށް ފަހު ހާމާ ލޯބީގެ ގުޅުން ބޭއްވި އެހެން އަންހެނުންތަކެއް ވެސް އެކްޓަރު ޖިންސީ ގުޅުމުގެ ތެރެއިން އަނިޔާވެރިކަން އިސްކޮށްފައިވާ ކަމަށް ބުނެ ވާހަކަތަކެއް ދައްކާފައިވެ އެވެ.

ހާމާ ބުނީ އޭނަގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އަމިއްލަ މަރުވާން ހިތަށް އެރި ނަމަވެސް އެކަން ނުކުރެވުނީ ދަރިންނާ މެދު ފިކުރު ބޮޑުވެގެން ކަމަށެވެ.

"ހިތަށް އެރީ ކަނޑަށް އެރި ފެތުނުހާ ދުރުމިނިކަށް ފަތާނީއޭ. އޭރުން ކޮންމެވެސް ހިސާބަކުން މިޔަރަކު ވެސް އައިސް އަހަރެން ކާލާނޭ. އެކަމަކު އެއާ ވިއްދައިގެން ދެން ހިތަށް އެރީ ދަރިން ތިބީ އައްސޭރި ފަށުގައޭ. އަހަރެން އެ މީހުން ދޫކޮށްލާފައި މި ގޮތަށް މަރުވާން ހެޔޮ ނުވާނޭ." ހެމާ ބުންޏެވެ.

އޭނަ ބުނި ގޮތުގައި ކޮންމެ މީހަކަށް ވެސް ހަޔާތުގައި ގޯސްތަކެއް ހެދިދާނެ އެވެ. އެހެންވެ ކުރިން ލިބުނު ފިލާވަޅުތަކާ އެކީ ބޭނުން ވަނީ މުޅިން ރަނގަޅު މީހެއްގެ ގޮތުގައި އެނބުރި އަންނަން ކަމަށް ބުންޏެވެ.

"ވެދިޔަ ކަންތައްތައް ތަކުރާރުވާކަށް އަހަރެން ބޭނުމެއް ނޫން،" ހާމާ ބުންޏެވެ. "ހަޔާތުގައި ހާސިލުވުިކަންކަމާ މެދު އަހަރެން ޝުކުރުވެރި ވެސް ވަން."

އޭނަ އަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ފިލްމީ ކެރިއަރު ހަލާކުވެ އެތައް ޕްރޮޖެކްޓެއް ގެއްލުނެވެ. އޭގެ ތެރޭގައި މިދިޔަ މަހުގެ 27 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ޖެނިފާ ލޮޕޭޒްގެ "ޝޮޓްގަން ވެޑިން" ގެ އިތުރުން "މިލިއަން ޑޮލާ ސްޕައި" އާއި "ގޯޑްފާދާ" ގެ ފެށުން އައި ގޮތަށް ބިނާކޮށް ހަދާ ސީރީޒް "ދި އޮފާ" ވެސް ހިމެނެ އެވެ.

ހާމާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ޑެތު އޮން ދަ ނައިލް" އިންނެވެ.