Last Updated: July 27, 13:32
Monday, July 27, 2026
މުނިފޫހިފިލުވުން

އާލިއާގެ ކަސްރަތު ފޯރި ރަންބީރްގެ ލަވައަކަށް

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް، ފިރިމީހާ ރަންބީރް ކަޕޫރްގެ ކުރިއަށް އޮތް ފިލްމު "ތޫ ޖޫޓީ، މޭ މައްކާރް" ގެ ލަވައެއް ޖަހާލައިގެން ވަރަށް ފޯރީގައި ކަސްރަތުކުރާ ވީޑިއޯއެއް އާންމުކޮށްފި އެވެ.

އިންސްޓަގްރާމް ވީޑިއޯގައި ފެންނަނީ މިދިޔަ ހަފުތާގައި އާންމުކުރި ލަވަ "ތެރެ ޕިޔާރު މޭ" އަށް އާލިއާ ވަރަށް ފޯރީގައި ލިޕް-ސިންކްކުރަމުން ކާޑިއޯ ހަދާ ތަނެވެ.

މި ލަވަ އަކީ އަންނަ މަހުގެ 8 ގައި ރިލީޒްކުރާ ފިލްމުން ބެލުންތެރިންނަށް ދޫކޮށްލި ފުރަތަމަ ލަވަ އެވެ. މިހާރު އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ވެސް ހޯދާފައިވާ "ތެރެ ޕިޔާރު މޭ" އިން ރަންބީރާއި ޝްރަދާ ކަޕޫރްގެ ލޯބި ދައްކުވައިދޭ އިރު، މި ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގް އާއި ނިކިތާ ގާންދީ އެވެ.

"ތޫ ޖޫޓީ، މޭ މައްކާރް" އަކީ ލަބް ރަންޖަން ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.

މި އަހަރު ރިލީޒްކުރާ ރަންބީރްގެ ފުރަތަމަ ފިލްމަކަށް މި ގެނެސްދޭން ތައްތާރުވަމުން އަންނަ އިރު، އާލިއާ އަންނަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 6 ގައި ވިހެއުމަށް ފަހު ކުރީގެ ބައްޓަމަށް އިޔާދަވާން ވަރަށް ބުރަށް މަސައްކަތްކުރަމުންނެވެ. އަދި ވަރަށް އަވަހަށް އޭނަ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ބާކީ އޮތް ލަވައިގެ ޝޫޓިން ވެސް ފަށާނެ އެވެ.

ރަންވީރު ސިންގް ބަތަލުގެ ރޯލު ކުޅެފައިވާ ފިލްމު ރިލީޒްކުރާނީ ޖުލައި 28 ގަ އެވެ.