ސްޕެނިޝް ލީގުގައި މިރޭ ރެއާލް މަޔޯކާ އަތުން 1-0 އިން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.
މި މެޗުން ބަލިވުމުން ލީގުގެ ދެވަނައިގައި ރެއާލް މިހާރު އޮތީ 45 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ މިރޭ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އެޓީމަށް 8 ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. ބާސާ އެއްވަނައިގައި އޮތީ 50 ޕޮއިންޓާ އެކު އެވެ. ބާސާ މިރޭ ނިކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. މިރޭގެ މެޗުން މޮޅުވި މަޔޯކާ އޮތީ 28 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ.
މަޔޯކާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލަކީ މެޗުގެ 13 ވަނަ މިނެޓްގައި ރެއާލްގެ ޑިފެންޑަރު ނާޗޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ނަތީޖާ އެއްވަރުކޮށްލަން މެޗުގެ 57 ވަނަ މިނެޓްގައި ރެއާލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ އެސެންސިއޯ ފޮނުވާލި ޕެނަލްޓީ މަޔޯކާގެ ގޯލްކީޕަރު ރަޖްކޮވިޗް ވަނީ މަތަކޮށްފަ އެވެ.
ދެވަނަ ހާފްގައި މަޔޯކާ އިން ވަރަށް ބޮޑަށް ޑިފެންސަށް ފައިބައިގެން ކުޅުނު އިރު ރެއާލް އިން ވަނީ އެޓީމުގެ ގޯލަށް ނުރައްކާ ކުރަން ވަރަށް ބޮޑަށް މަަސައްކަތްކޮށްފަ އެވެ. ނަމަވެސް މަޔޯކާގެ ޑިފެންސްލައިން ފޫއަޅުވާލުމުގައި ރެއާލަށް މި މެޗުގައި ކާމިޔާބެއް ހޯދޭ ގޮތް ވަނީ ނުވެފަ އެވެ.
ލީގުގައި އެންމެފަހުން ރެއާލް އިން ކުޅުނު ތިން މެޗުގެ ތެރެއިން އެޓީމަށް ހޯދިފައިވަނީ އެންމެ މޮޅެކެވެ. ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ އެލްޗޭއާ އެވެ.