Last Updated: July 16, 15:35
Thursday, July 16, 2026
ކުޅިވަރު

ކޭންގެ ރެކޯޑާ އެކު ސިޓީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމުން 1-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.

ރޭގެ މެޗުން މޮޅުވެގެން ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެ ޕޮއިންޓާއި ގާތަށް ޖެހިލުމުގެ ފުރުސަތު ސިޓީއަށް އޮތެވެ. ނަމަވެސް ރޭގެ މެޗުން ބަލިވުމުން ލީގުގެ ދެވަނައިގައި ސިޓީ އޮތީ 45 ޕޮއިންޓާ އެކު އެވެ. އާސެނަލް އެއްވަނައިގައި އޮތީ 50 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމް އޮތީ 39 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޓޮޓެންހަމް އަށް މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ހެރީ ކޭން އެވެ. މި ގޯލާއެކު ކޭން ވެގެން ގޮސްފައިވަނީ ޓޮޓެންހަމްގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާ އަށެވެ. ކޭން ވަނީ ޓޮޓެންހަމަށް 267 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ރޭގެ މެޗުގައި ކޭން ،29، ކާމިޔާބުކުރި ގޯލަކީ އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކުރި 200 ވަނަ ގޯލެވެ. ކޭން އަށް ވުރެ ގިނައިން ޕްރިމިއާ ލީގުގައި ގޯލް ޖަހައިފައި ވަނީ 260 ގޯލް ޖަހައިފައިވާ އެލެން ޝިއެރާ އާއި 208 ގޯލް ޖަހައިފައިވާ ވޭން ރޫނީ އެވެ.

މެޗުގެ ދެވަނަ ހާފްގައި ސިޓީގެ ރިޔާދު މަހްރޭޒް ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އޭގެ ފަހުން ސިޓީގެ ފަރާތުން މާބޮޑު ނުރައްކަލެއް ޓޮޓެންހަމްގެ ގޯލަށް ކުރެވިފައެއް ނުވެ އެވެ. ޓޮޓެންހަމުން މި މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. އެއީ ދެވަނަ ރީނދޫ ކާޑާއެކު ޓޮޓެންހަމްގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އަށް ދެއްކި ރަތްކާޑާ ގުޅިގެންނެވެ.