ސެވިއްޔާ 3-0 އިން ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން 8 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 53 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 45 ޕޮއިންޓާ އެކު ރެއާލް މެޑްރިޑް އޮތްއިރު ތިންވަނައިގައި 39 ޕޮއިންޓާ އެކު އޮތީ ރެއާލް ސޮސިއެޑާޑް އެވެ.
ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަލްބާ އެވެ. އަލްބާ މި ގޯލު ކާމިޔާބުކުރީ ކެސީ ދިން ރީތި ޕާހަކުން ސެވިއްޔާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
މެޗުގެ 70 ވަނަ މިނެޓްގައި ރަފީނިޔާ ނަގައިދިން ހުރަހަކުން ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު، ގަވީ އެވެ. އަދި ބާސާގެ ތިންވަނަ ގޯލު އަލްބާ ނަގައިދިން ހުރަހަކުން މެޗުގެ 79 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރަފީނިޔާ އެވެ.
ލީގުގެ އެއްވަނައިގައި ބާސާ އިން 8 ޕޮއިންޓުގެ ލީޑެއް ނެގިއިރު ލީގުގެ ދެވަނައިގައި އޮތް ރެއާލް ރޭ ވަނީ މަޔޯކާ އަތުން 1-0 އިން ބަލިވެފަ އެވެ.