Last Updated: July 27, 13:53
Monday, July 27, 2026
މުނިފޫހިފިލުވުން

އަޝްފާގެ އެކްޓިން މިރޭ ފެންނާނެ

ތިން އަހަރެއްހާ ދުވަސް ފަހުން އޮލިމްޕަސް ސިނަމާ އަށް މިރޭ ގެންނަ ފިލްމު "ބީވީމާ" އިން މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ އެކްޓިން މިރޭ ބެލުންތެރިންނަށް ދައްކައިލަން ތައްޔާރުވެއްޖެ އެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓްގެ މި ފިލްމަކީ ސްކްރީން ރައިޓަރު އަހުމަދު ޒަރީރު ލިޔެ، ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމެވެ. ޑްރާމާ ޖޯންރާގެ "ބީވީމާ" ގެ ކާސްޓްގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަރަމުން އަންނަ ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ގެ އިތުރުން އަލަށް ތައާރަފުކުރާ އާދަމް ޒިދާން ހިމެނެ އެވެ.

މީގައި ދައްކުވައި ދޭނީ ފުރާވަރު އުމުރުގައި އެކީގައި ކިޔަވަން އުޅުނު ދެ ލޯބިވެރިންގެ ވާހަކަ އެވެ. އެގޮތުން "ބީވީމާ" ގައި އާޝާ އާއި ޒިދާން ފެންނާނީ އަޝްފާ އާއި ކޮޕީ އިއްސެގެ އެންމެ ޒުވާން ދުވަސްވަރުގެ ރޯލުތަކުންނެވެ. "ބީވީމާ" ހަދާފައި ވަނީ 2018 ގެ ތަމަޅަ ރޮމޭންޓިކް ޑްރާމާ "96" އަސްލަކަށް ބަލައިގެންނެވެ.

މި ފިލްމުން އަޝްފާ ބަތަލާއެއްގެ ގޮތުގައި ނުކުންނަ އިރު، އޭނަ އަކީ މިހާތަނަށް މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ ފަންނާނެކެވެ. އަޝްފާ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) ގެ އަންހެނުންނެވެ.

އޮލިމްޕަހުގައި މިރޭ "ބީވީމާ" ޕްރީމިއާކުރާ އިރު، 2020 ގެ މާޗް މަހުގެ ކުރީކޮޅު ބަންދުކުރި ސިނަމާ ބޮޑެތި ބަދަލުތަކަކާ އެކީ ހުޅުވީ ހޮނިހިރު ދުވަހު ރޭގަ އެވެ. އެތަނުގައި އެންމެ ފަހުން ދެއްކި ފިލްމަކީ 2020 ގެ މާޗްގައި އެޅުވި އަލީ ސީޒަންގެ "އަނދިރިކަން" އެވެ.

ކާމިޔާބު އެތައް ފިލްމެއް ހަދާފައިވާ ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2019 ގެ "މާމުއި" އެވެ.