Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ޔާމީނަށް ދެން ދޭނީ ޓިކެޓެއް ނޫން، ލަނޑެއް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން މީހަކަށް އިދިކޮޅު ކޯލިޝަނުން ވެރިކަމަށް ވާދަނުކުރައްވާނެ ކަމަށް ބުނަމުން ދިޔަޔަސް، ޕީޕީއެމް/ޕީއެންސީން ޔާމީނަށް ދެން ދޭނީ ރިޔާސީ ޓިކެޓެއް ނޫން ކަމަށާއި ލަނޑެއް ކަމަށް ވިލިގިނލި ދާއިރާގެ މަޖިލިސް މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީން ޖަލަށް ލާ ކޮންމެ ފަހަރަކު އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް ފުޅާކޮށްފައި، ޔާމީން ގެއަށް ވަޑައިގެންނެވުމުން އެ މީހުން އެކަމާ މާޔޫސްވާ ކަމަށެވެ.

"ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ރައީސް ޔާމީނަށް ދޭނީ ޓިކެޓެއް ނޫން ލަނޑެއް." ސައުދު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ރައްޔިތުންނަށް އެންމެ ދުއްޕާން ޖެއްސީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ.

"އެއީ ރައީސް ޔާމީންގެ އަނިޔާވެރި ހިޔާނާތްތެރި ގައުމު އަޅުވެތިކުރި ވެރިކަން." ސައުދު ވިދާޅުވި އެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުން ގެންދަނިކޮށް ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލައެއްގައި ކުށް ސާބިތުވެ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. ޔާމީނަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ދިނީ އޮގަސްޓް 19 ގަ އެވެ.

ނަމަވެސް ޖަލު ހުކުމާ އެކީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިވަޑައިގެންފައިވާ އިރު، އިދިކޮޅު ކޯލިޝަނުން ތަކުރާރުކޮށް ބުނަމުން އަންނަނީ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އިންތިހާބުގައި ވާދަކޮށް ކާމިޔާބު ވެސް ކުރައްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.