Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ދެން އެެއްޗަކީ ޑިޖިޓަލް ލައިސަންސް

ޑިޖިޓަލް ލައިސެންސް ތައާރަފު ކުރުމާ އެކީ ކުރީގެ ލައިސެންސް ކާޑު ދެން ޕްރިންޓް ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ޑިޖިޓަލް ލައިސެންސް ކާޑު ތަޢާރަފުކޮށް، އެ ކާޑު އެންމެންނަށް ބޭނުން ކުރެވޭ ގޮތަށް މިހާރު ވަނީ ހަދައިފަ އެވެ. އެގޮތުން މިނިސްޓްރީގެ ޕޯޓަލް އަށް އީފާސް އެކައުންޓް މެދުވެރިކޮށް ވަދެ ލައިސެންސް ބަލައި ޑިޖިޓަލް ލައިސެންސް ޑައުންލޯޑު ކުރެވޭނެ އެވެ. މީގެ އިތުރުން މިހާރު ޕޮލިސް އެޕް ތެރެއިން ވެސް ފެންނަން އިންނަ ލައިސެންސް ބަލައިގަންނާނެ އެވެ.

ރާއްޖޭގައި އަލަށް ޑިޖިޓަލް ލައިސެންސް ތައާރަފު ކުރުމާ ގުޅިގެން މިހާރު ލައިސެންސް ނަންގަވާފައި ތިބި އެންމެން ވެސް އެއް ނިޒާމެއްގެ ތެރެއަށް މިނިސްޓްރީން ވަނީ ބަދަލުކޮށް ފައެވެ. މީގެ އިތުރުން އަލަށް ލައިސެންސް ނަގާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ލައިސެންސްއަށް އެދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ޑިޖިޓަލް ލައިސެންސް ތައާރަފުކޮށް، އާންމުކޮށް ދައްކައިލަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް އައިޝަތު ނަހުލާ ވިދާޅުވީ، މިއީ ޓްރާންސްޕޯޓުގެ ޙިދުމަތްތައް އޮންލައިން ކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި މީގެ ފަހުން މިނިސްޓްރީން ލައިސެންސް އެއްވެސް ވަރަކަށް ޕްރިންޓް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

"ފޯނުން ލައިސެންސް ދައްކާލެވޭ ގޮތަށް އިންނާނީ. އެ ނޫން ހާލަތެއްގައި ވެސް އަމިއްލަ އަށް ޕްރިންޓެއް ނަގަން ބޭނުން ނަމަ އަމިއްލަ އަށް ޕްރިންޓެއް ނަގައިގެން ވެސް ބޭނުން ކުރެވިދާނެ." ނަހުލާ ވިދާޅުވި އެވެ.

ޑިޖިޓަލް ލައިސަންސާ އެކީ ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ އެކި ޙިދުމަތްތައް ހޯދުމަށާއި، އެތެރޭގެ އުދުހުންތަކުގައި ވެސް މި ލައިސެންސް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން އަންނަނީ ގިނަ ޙިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންސީއައިޓީގެ ދަށުން ހިންގާ އީފާސް ނިޒާމު އަޕްގްރޭޑް ކުރެވި އިތުރު ޙިދުމަތްތައް މި ނިޒާމާއ ގުޅުވުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.