Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ފުވައްމުލަކުގެ 400 ހައުސިން ޔުނިޓް އަލުން ބީލަމަށް

ބޯހިޔާވަހި ކަމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި އަޅަން ނިންމާފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

މިއީ މި މަޝްރޫއު ބީލަމަށް ލި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މަޝްރޫއު ބީލަމަށްލީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ބީލަމަށް ލި އެވެ. އަލުން ބީލަމަށްލީ އިސްލާހުތަކެއް ގެނެސްފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫއުގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު އަންނަ މަހުގެ 23 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، އަންނަ ބުރާސްފައްޗާ ހަމައަށް ރަޖިސްޓްރީކުރެވޭނެ އެވެ. އަދި އެކަމަށް 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފުވައްމުލަކުގައި ހަދަން ނިންމާފައިވާ 400 ހައުސިން ޔުނިޓްގެ ބިޑް ސެކިއުރިޓީ އަށް 100،000ރ. ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 148 ދުވަސް ކަމަށެވެ.

އާބާދީގައި 12،000 އެއްހާ މީހުން އުޅޭ ފުވައްމުލަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގި އެވެ. އޭރު އެ ސިޓީގައި 150 ފްލެޓް ހަދާފައިވެ އެވެ.