Last Updated: July 27, 13:32
Monday, July 27, 2026
މުނިފޫހިފިލުވުން

އިމްރާނަށް އާ ލޯބިވެރިއެއް

ބޮލީވުޑުން މިހާރު ގެއްލިފައިވާ އެކްޓަރު އިމްރާން ޚާން އާ ބައިވެރިއަކު ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު އެކްޓަރު އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ އިމްރާން މިހާރު ވަރަށް މަދުން ނޫނީ އާންމުންގެ ތެރެއަށް ނުކުމެ އުޅޭ ތަނެއް ވެސް ނުފެނެ އެވެ. އެކަމަކު 40 އަހަރުގެ އެކްޓަރު އިއްޔެ ފެނުނީ ބަތަލާ ލޭކާ ވޮޝިންޓަނަކާ އެކީ އުޅެނިކޮށެވެ. ދެ މީހުންގެ ރައްޓެހިން ވެސް ތަކަކާ އެކީ އިމްރާނާއި ލޭކާ އެކީގައި ފެނުނު އިރު، އިމްރާންގެ އަތުގައި ބަތަލާ ހިފައިގެން އިންނަ ތަން ވެސް އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ.

ލޭކާ، 36، އަކީ އިންޑިއާގެ ތަމަޅަ/ތެލެގޫ ފިލްމުތަކުން ފެންނަ ބަތަލާއެކެވެ.

އިމްރާނާއި ލޭކާ ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރު، އިމްރާނާއި އަވަންތިކާ މާލިކްގެ ކައިވެނީގައި މައްސަލަ ޖެހި 2018 އިން ފެށިގެން އެ ދެ މީހުން އުޅެނީ ވަކިންނެވެ. އެ ދެ މީހުން ކައިވެނިކުރީ 2011 ގަ އެވެ. އެ ކައިވެންޏަށް އަންހެން ދަރިއަކު ވެސް ލިބިފައިވެ އެވެ. އިމްރާނާއި އަވަންތިކާ ވަކިން އުޅޭތާ ގިނަ ދުވަސްތަކެއް ވިޔަސް އެ މީހުން ވަރިވި ކަމެއް ކަށަވަރެއް ނުވެ އެވެ.

އިމްރާނަކީ 2008 ގެ "ޖާނޭ ތޫ…ޔާ ޖާނޭ ނާ" އިން ބޮލީވުޑަށް ނުކުތް އެކްޓަރެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2015 ގެ "ކައްޓީ ބައްޓީ" އެވެ. އިމްރާން ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ "އައި ހޭޓް ލަވް ސްޓޯރީސް" އާއި "ދިއްލީ ބެލީ" ގެ އިތުރުން "އޭކް މޭ އޯރް އޭކް ތޫ" އެވެ.