Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު ރިޔާސީ ބަޔާން

ކުރިއަށް ނުގެންދެވުމުން މަޖިލިސް މެދުކަނޑާލައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވި މެދު ކަނޑާލައިފިއެވެ.

ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ މެދުކަނޑާލާފައިވަނީ އިދިކޮޅަށް ނިސްބަތްވާ ބައެއް މެންބަރުންގެ ނަން އިއްވުމުން އެ މެންބަރުން މަޖިލީހުގެ ތަޅުން ދޫކޮށް ނުދިއުމުންނެވެ. ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ފެށުމާއެކު އެ މެންބަރުން ވަނީ އަޑުގަދަކޮށް ތަޅުމުގައި އިހުތިޖާޖު ކުރަން ފަށާފައެވެ.

މަޖިލީހުގެ ޖަލްސާ މެދުކަނޑާލުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅު މެންބަރުންނާ މަޝްވަރާ ކުރެއްވުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އެ މެންބަރުން މަޖިލީހުގެ ތަޅުން ދޫކޮށް ގޮސްފައެއް ނުވެއެވެ.

އިހުތިޖާޖު ކުރަން ފެށުމާ ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްގެ ނަން ވަނީ އިއްވާފައެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަސް ވަނަ ރިޔާސީ ބަޔާނެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ "ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެ" ކަމަށެވެ.